ވިޝާލް ބަރްދުވާޖު އުފައްދާ ނެޓްފްލިކްސް ވެބް ސީރީސް ''ހޫފިޔާ'' އަކީ ބޮލީވުޑްގެ ތަރި ތާބޫ ފެނިގެންދާނެ ސީރީސް އެކެވެ.
މިފިލްމުގެ ޓީޒާ މިހާރު ދޫކޮށްލާފައިވާއިރު މި ފިލްމުގައި ދައްކަނީ ގައުމަށް ގައްދާރުވި މީހެއްގެ ވާހަކައެކެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ޖާސޫސު ކުރާ އިންޑިއާގެ ރޯ އެޖެންޓެއް ކަމަށްވާ ކްރިޝްނާ މެހެރާ ކިޔާ މީހެއްގެ މައްޗަށެވެ. ކްރިޝްނާ އަށް ހަވާލުވެފައިވާ ޒިއްމާއަކީ އެގައުމުގެ އަސްކަރިއްޔާގެ ސިއްރުތައް ލީކުކުރަމުންދާ ފަރާތް ހޯދައި ގާނޫނުގެ ކުރިމައްޗަށް ގެނައުމެވެ. ސްޕައި އޭޖެންޓެއް ކަމަށްވާ ކްރިޝްނާ މިމަސައްކަތް ކާމިޔާބު ކުރުމަށް އޭނާ އަކީ އޭޖެންޓެއް ކަން ނާންގައި އުޅެން ކުރާ މަސައްކަތް ފެނިގެންދާނެއެވެ. މި ފިލްމު އުފައްދާފައިވަނީ ހަގީގީ ހާދިސާތަކެއް ހިމަނައިގެން އަމަރު ބުޝަން ލިޔެފައިވާ މަޝްހޫރު ވާހަކަ ފޮތެއް ކަމަށްވާ ''އެސްކޭޕް ޓު ނޯވެއާ''ގެ މައްޗަށެވެ.
ތާބޫގެ އިތުރުން މި ސީރީސްގައި މުހިއްމު ރޯލުތަކުން އަލީ ފަޒަލް، ވާމިކާ ގައްބީ އަދި އަޝިޝް ވިދިޔާރްތީ ފެނިގެންދާނެއެވެ.
''އޯމްކާރާ'' ''ކަމީނޭ'' ''މަގުބޫލް'' ''ސާތު ހޫން މާފް'' އަދި ''ހައިދަރު'' ފަދަ ތަފާތު މޮޅު ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ ވިޝާލްގެ މި ވެބް ސީރީސް ބަލައިލުމަށް ގިނަބަޔަކު ތިބީ ކެތްމަދު ވެފައެވެ.