ޅ. ކުރެންދޫ ރައްޔިތުންގެ އަތުން ގާތްގަނޑަކަށް 3.8 މިލިއަން ހަރަދުކޮށްގެން އެރަށުގައި ހެދި ރާއްޖޭގެ އެންމެ ރީތި ފުޓްބޯޅަ ދަނޑު، އުދަ އަރައި އެއްކޮށް ހަލާކުވެއްޖެއެވެ.
ކުރެންދޫ ކައުންސިލް ރައީސް އިބްރާހީމަ ސިމާއު "ވަން" އަށް ވިދާޅުވީ، އެރަށަށް އުދަ އަރާފައިވަނީ އިއްޔެ ރޭ މެންދަމު 3:30 އެހާކަންހާއިރު ކަމަށެވެ. އަދި އުދަ އެރުމުގެ ސަބަބުން އެރަށު ފުޓްބޯޅަ ދަނޑުގެ ވަށާފާރު ވެއްޓިފައިވާއިރު، 100 އަށްވުރެ ގިނަ ގެތަކަށް ލޮނުގެ އަސަރު ކޮށްފައިވާ ކަމަށެވެ.
ސިމާއު ވިދާޅުވީ އުދައެރުމުގެ ސަބަބުން މޫދާ ކައިރީގައި ހަދާފައިވާ ފުޓްބޯޅަ ދަނޑު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އެގޮތުން ދަނޑުގެ ވަށާފާރުގެ މޫދާވީ ފަޅިން އެއްކޮށް ވެއްޓިފައިވާ އިރު، ދަނޑުގެ އެއް ފަޅި އެއްކޮށް ހަލާކުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ އިތުރުން ދަނޑުގެ ތެރޭގައި ތަފާތު ކުނިބުންޏާއި ފުޅިތޮށި ފަދަ ތަކެތިވެސް ހުރި ކަމަށެވެ. ކުރެންދޫ ފުޓްބޯޅަ ދަނޑަކީ ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާ ރަށުގެ ރައްޔިތުންގެ އަަތުން ހަރަދުކޮށްގެން ހަދާފައިވާ ދަނޑަކަށްވާއިރު، ހަތަރު މިލިއަން ރުފިޔާގެ ގެއްލުން ދަނޑަށް ލިބިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ، އުދަ އެރުމުގެ ސަބަބުން ލިބުނު ގެއްލުން ދެނެގަތުމަށް އިއްޔެ އެސެސްމެންޓް ހަދައި ފޮނުވާފައި ވާނެ ކަމަށެވެ. އެގޮތުން ލޮނުގެ އަސަރު އިއްޔެ ވަރަށް ބޮޑަށް ކުރި ދެ ގެއެއްގައި ހިފައި ގެންގުޅޭ ތަކެއްޗަށާއި ކަރަންޓު ސާމާނަށް ގެއްލުންވެފައިވީ ނަމަވެސް، މިހާރު އެ ދެ ގެއަށްވެސް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށެވެ. އުދައިގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ސިމާއު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި މަޑުކުރަނީ އަދި ދެ ދުވަސް ވަރު ބަލާފައި ދަނޑު ސާފުކުރަން. އެއީ ފާރު ވެއްޓިފައި އޮތީމަ، އަލުން އުދަ އަރައިފިއްޔާ ހަމަ ދަނޑަށް އަރާނެ ކަމަށް ބެލެވޭ. އެކި ވައްތަރުގެ ކުންޏާއި ފުޅިތޮށިވެސް ދަނޑުގެ އެތެރޭގައި ބައިވަރު އެބަހުރި. އަޅުގަނޑުމެން މިހާރު ވާނީ ރަށުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފަ، ގޭގޭގައިވެސް ވެލި ބަސްތާ ފަދަ ތަކެތި ބެހެއްޓުމަށް." ސިމާއު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ކުރެންދޫ ފުޓްބޯޅަ ދަނޑު ހެދުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ރައްޔިތަކު "ވަން" އަށް ބުނީ، މިފަހަރު އުދަ އަރާފައިވަނީ މީގެ ކުރިން ދުވަހަކުވެސް އެރަށަށް އުދަ އަރާފައި ނުވާ މިންވަރަށް ކަމަށެވެ. ދަނޑުގައި މިހާރުވެސް ގާތްގަނޑަކަށް 20 ކިލޯ ނުވަތަ 30 ކިލޯ ހަމަވާ ވަރަށް ގާ އެބަހުރި ކަމަށެވެ.
"ކުރެންދޫގައި އެންމެ ކުރިންވެސް އޮންނާނީ ވަރަށް ކުޑަ ދަނޑެއް. ދެން އޭރު ސަރުކާރުގެ ޕްލޭންގަ ނީނދޭ ބޮޑެތި ދަނޑު ހަދައިދޭކަށް. ދެން އަޅުގަނޑުމެން ރަށު ރައްޔިތުން އިސްނަގައިގެން ރަށު ކައުންސިލާ ގުޅިގެން، ރަށުގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ފުރިހަމައަށް ލިބިގެން މި ދަނޑު ހެދީ. ގާތްގަނޑަކަށް ގަލޮޅު ދަނޑު ވަރު ވާނެ ކުރެންދޫ ފުޓްބޯޅަ ދަނޑު. އަމިއްލަ ފަރާތްތަކުން ޗަންދާ ނަގައިގެންނާ ބައެއް ވިޔަފާރިވެރިންގެ ވެސް އެހީގެ އިތުރުން ބައެއް ކުންފުނިތަކުން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާގެ އެއްކުރެވުން އޭރު. ދަނޑަށް ބޭނުންވާ ހުރިހާ ސާމާނެއް ގަތީ އެއަށް. ލާރިވެސް އަޅުގަނޑުމެން ބެހެއްޓީ ކައުންސިލްގެ އެކައުންޓްގައި. އެއީ ރަށުގެ 10 ޖަމިއްޔާއަކުން 10 ފަރާތެއް ނަގައިގެން އެކަން ބެލެހެއްޓުމާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތެއް." އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ 2016 ގައި ފެށި ދަނޑުގެ މަސައްކަތް އެއްކޮށް ނިންމުމަށް ތިން އަހަރު ހޭދަވި ކަމަށާއި، ހަމަ އެކަނި ފިނިޝިންގް ގެ މަސައްކަތަށްވެސް ހަ މަސް ހޭދަވި ކަމަށެވެ. އެގޮތުން އެއީ ރަށުން ބޭރުގައި ވަޒީފާ އަދާކުރާ މީހުންވެސް އެންމެން އެއްބަސް ކިޔައިގެން އެއް ދުވަސްވަރަކަށް ޗުއްޓީ ނަގައިގެން ރަށަށް ގޮސް އެންމެންވެސް ހިލޭ ކުރި މަސައްކަތެއް ކަމަށެވެ. އަދި ރަށުގައި ދޯނި ފަހަރުތައް ގެންގުޅޭ ފަރާތްތަކުންވެސް ދަނޑަށް ބޭނުންވާ ތަކެތި އުފުލުމުގައި ފުރިހަމަ އެއްބާރުލުން އެކަމުގައި ލިބިފައިވާ ކަމަށެވެ. އެގޮތުން ރަށުގެ ރައްޔިތުންގެ 100 ޕަސެންޓް އެއްބާރުލުން ލިބިގެން ނިންމި ދަނޑަށް ހިނދުކޮޅެއްގެ ތެރޭގައި ވެފައި އޮތް ގޮތް ފެނުމުން ބުނެދޭންވެސް ދަތި އިހުސާސްތަކެއް ކުރެވޭ ކަމަށެވެ. އަދި އެކަމާ ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. "އަޅުގަނޑުމެން އެދެނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އެހީއެއް މިކަމުގައި ލިބޭނެ ކަމަށް" އޭނާ ބުންޏެވެ.