ބޮލީވުޑް މިދިޔަ އަހަރު ފަހު ކޮޅު ދިޔައީ ބޮޑެތި ކައިވެނި ހަފްލާތަކެއްގައެވެ.
ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނާސް އަދި ސޯނަމް ކަޕޫރާއި ރަންވީރު ސިންގުގެ ކައިވެނީގެ އިތުރުން އަމްބާނީގެ އަންހެން ދަރި އިޝާ އަމްބާނީގެ ކައިވެނި ވެސް ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފައެވެ.
ގުޅިގެން އުޅޭ ޖޯޑުތަކުގެ ތެރެއިން މިހާރު ގިނަ ބައެއްގެ ލޯތައް ހުއްޓިފައިވަނީ އާލިޔާ ބަޓް އާއި ރަންބީރު ސިންގުގެ ކައިވެންޏަށެެވެ.
އާލިޔާ އާއި ރަންބީރު ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެފައިވާއިރު ދެ ތަރިން އަންނަނީ އާއިލާއާ އެކުވެސް ގިނަ ވަގުތުތައް ހޭދަކުރަމުންނެވެ. އެހެން ކަމުން އަބަދުވެސް މި ދެތަރިންގެ ކައިވެނީގެ ވާހަކައަކީ ތުންތުން މަތިން ދެކެވެމުން އަންނަ ވާހަކައެކެވެެ. ފަހުގެ ހަބަރުތައް ބުނާ ގޮތުގައި މި ދެތަރިން 2020ގައި ކައިވެނި ކުރާނެއެވެ.
މިވަގުތު އާލިޔާ އާއި ރަންބީރުވެސް އަންނަނީ އެކީގައި ކުޅޭ ފިލްމެއް ކަމަށްވާ "ބްރަހްމަސްތްރާ"ގެ މަސައްކަތް ކުރަމުންނެވެ.
ރަންވީރު ސިންގާ އެކީ އާލިޔާ ކުޅުނު ފިލްމު ގުލީ ބޯއީގެ ޕްރޮމޯޝަންގެ ތެރެއިން އޭނާ އަށް ވަނީ އަނެއްކާވެސް ކައިވެނީގެ ސުވާލު ނޫސްވެރިން ކޮށްފައެވެ.
ނޫސްވެރިންގެ ސުވާލަށް އާލިޔާ ދިން ޖަވާބު ވަރަށް ފިންޏެވެ. އޭނާ ބުނި ގޮތުގައި މިދިޔަ އަހަރު ބޮޑެތި އަދި ރީތި ދެ ކައިވެންޏެއް މި ވަނީ ފެނިގެން ގޮސްފައެވެ. އެހެން ކަމުން މިހާރު ވީ ކެތްތެރިވެގެން ފިލްމުތައް ބަލައިލުމާއި ފިލްމުގައި ހަަރަކާތްތެރިވުމަށް ވަގުތު ދޭށެވެ. އެހެން ކަންކަމާމެދު ވިސްނާނީ ފަހުން ކަމަށް އާލިޔާ ބުންޏެވެ.
އެހެން ކަމުން މިދެތަރިން އަދި ކައިވެންޏާމެދު ނުވިސްނާކަން މިވަނީ އެނގިފައެވެ. އާލިޔާ އަދި ރަންބީރު އެންމެ ފުރަތަމަ އެކީގައި ޕަބްލިކަށް ފެނިފައިވަނީ ސޯނަމް ކަޕޫރުގެ ކައިވެނި ހަފްލާގައެވެ. މިއަހަރުގެ ފެށުން އާލިޔާ ވަނީ ރަންބީރުގެ އާއިލާ އާއެކު އެމެރިކާގައި ފާހަގަކޮށްފަ އެވެ.