ހޮލީވުޑް ތަރިން ކަމަށްވާ ނިކޯލް ކިޑްމަން އަދި ޓޮމް ކްރޫޒްގެ ކައިވެނި ރޫޅުނު ފަހުން އެކަމާ ގުޅޭ ގޮތުން މީގެ ކުރިން މާގިނަ ވާހަކަތަކެއް މީޑިގައި ހާމަކޮށްފައެއް ނުވެއެވެ. 1990ގެ އަހަރުތަކުގައި މި ދެ ތަރީންގެ ގުޅުމަށް މީޑިއާތަކުން ދިން ސަމާލުކަން އޭރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.
1990 ވަނަ އަހަރު އެކުގައި ކުޅުނު ފިލްމު ''ޑޭސް އޮފް ތަންޑާ'' އިން ދިމާވެ މި ދެތަރިން ވަނީ ލޯބީގެ ގޮތުން ގުޅިފައެވެ. އަދި ފިލްމު ރިލީސް ކުރިތާ ހަމަސްދުވަހަށްފަހު ކައިވެނި ކޮށްފައިވީނަމަވެސް 2001 ވަނަ އަހަރު އެ ކައިވެނި ވަނީ ރޫޅިފައެވެ. 10 އަހަރުގެ ކައިވެނި ރޫޅުނުއިރު މިދެތަރިން ވަނީ ދެ ކުއްޖަކު އެޑޮޕްޓުވެސް ކޮށްފަ އެވެ.
ނިކޯލް ވަނީ ވަރަށްފަހުން ހާޕާސް ބާޒާރް އަށް ދިން އިންޓަވިއުއެއްގައި އެ ގުޅުމުގެ ވާހަކަތައް ކޮންމެވެސް ވަރަކަށް ހިއްސާކޮށްފަ އެވެ. އެ މަޖައްލާ އަށް ދިން އިންޓަވިއުގައި މީޑިއާތަކުން އެމީހުންގެ ކައިވެންޏަށާއި ޒާތީ ދިރިއުޅުމަށް އޭރު ދިން ސަމާލުކަމުގެ ސަބަބުން އޭނާގެ އެކްޓިން ކެރިއަރަށް ވަރަށް ބޮޑަށް ހިޔަނި އެޅިގެން ދިޔަކަމުގައި ވަނީ ހާމަކޮށްފައެވެ. އަދި އެކަމުގެ ޒިއްމާ މީޑިއާތަކުން ނަގަން ޖެހޭނެ ކަމުގައިވެސް އޭނާ ބުނެއެވެ. ނަމަވެސް މީޑިއާތަކަށް އެ ފުރުސަތު އޭނާގެ ފުށުން އޭރު ފަހިކޮށްދެވުނީ ކަމަށް ގަބޫލު ކުރާ ކަމުގައި ވެސް ނިކޯލް ވަނީ ބުނެފައެވެ.
އޭނާ އިތުރަށް ބުނީ ހިތްދަތިވާ ކަންކަމާވެސް ދިމާވި ކަމަށާއި ނަމަވެސް މަޝްވަރާ ކުރުމުގެ ދޮރުތައް އެއްކޮށް ބަންދުކުރުމުގެ ބަދަލުގައި އެފަދަ ފުރުސަތު ތަކަށް ހުޅުވާލުމަށް އޭނާ މާ ގަޔާވީސްކަމުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އޭރު ދިމާވި ކަންތައްތަކުގެ ސަބަބުން އިތުރު ތަޖުރިބާތަކަށް އޭނާގެ ހިތް ހުޅުވިގެން ދިޔަކަމުގައި ނިކޯލް ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން އޭނާގެ މިހާރުގެ ފިރިމީހާ، ލަވަކިޔުންތެރިޔާ ކީތު އާބަން އާ ދިމާވި ކަމުގައި އޭނާ ފާހަގަކުރެއެވެ. ކީތު އަދި ނިކޯލް ބައްދަލުވެފައިވަނީ 2005 ވަނަ އަހަރު އެވެ. މި ދެތަރީން މިހާރު އެކުގައި އުފާވެރި ކައިވެންޏެއް ހޭދަކުރަމުން އަންނައިރު އެކައިވެންޏަށް ވަނީ ތިން ކުދިން ލިބިފައެވެ.
ޓޮމް ކްރޫޒް ވަނީ 2006 ވަނަ އަހަރު ބަތަލާ ކެޓީ ހޯމްސް އާ ކައިވެނި ކޮށްފަ އެވެ. އެ ގުޅުމަށް ސޫރީ ކްރޫޒް ލިބިފައިވާއިރު 2012 ވަނަ އަހަރުގައި ވަނީ ކައިވެނި ރޫޅިފައެވެ. ޓޮމް އޭނާގެ ދަރިފުޅު ސޫރީއާ އެކު އެންމެފަހުން ފެނިފައި ވަނީ 2013 ވަނަ އަހަރުގައެވެ.