މުނިފޫހިފިލުވުން

ހޮލީވުޑްގައި އަހަންނަކީ އަދިވެސް ބީރައްޓެއްސެއް: ޖެނިފާ ލޮޕޭޒް

އޭނާއަކީ އަދިވެސް ހޮލީވުޑްގައި ބީރައްޓެއްސެއް ކަމުގެ އިހުސާސު ކުރެވޭ ކަމަށް ކާމިޔާބު ބަތަލާ ޖެނިފާ ލޮޕޭޒް ބުނެފިއެވެ.

ޖެނިފާ މިހެން ބުނެފައިވަނީ އޭނާގެ ޖޭލޯ ބިއުޓީ އިންސްޓަގްރާމު ޕޭޖުގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގަ އެވެ.

52 އަހަރުގެ ޖެނިފާ އިންސްޓަގްރާމުގައި ވީޑިއޯއެއް ހިމަނާފައި ވަނީ އޭނާގެ ނަސްލު ކަމަށް ވާ ލެޓިން އަންހެނުން ބާރުވެރިކުރުމާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކައަކާ އެކުގަ އެވެ. އޭނާގެ ވާހަކަތައް ނިންމާލަމުން ބުނެފައިވަނީ 30 އާ ގާތް ކުރާ އަދަދަކަށް ހޮލީވުޑް ފިލްމު އޭނާ ކުޅެވިފައިވީ ނަމަވެސް އޭނާއަކީ އަދިވެސް އިންޑަސްޓްރީގައި ބީރައްޓެއްސެއް ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.

''ކޮންމެ މީހަކުވެސް ބޭނުންވާނެ ބައެއްގެ ތެރޭގައި ހިމެނެން ނުވަތަ ނިސްބަތް ވާން. ނަމަވެސް ގިނަ މީހުންނަށް ދިރިއުޅުމުގައި ތިމާ އަކީ ބީރައްޓެއްސެއް ކަމުގެ އިހުސާސް ކުރެވޭ ފަހަރު ވަރަށް ގިނަ، ހޮލީވުޑްގައި އަހަންނަށް އަދިވެސް ކުރެވެނީ އެ އިހުސާސް.'' ޖެނިފާ ބުނެފައިވެ އެވެ.

އޭނާ އިތުރަށް ބުނީ އެ އިހުސާސަކީ އިންޑަސްޓްރީގައި ކުރިއަރައި ދިއުމަށް އޮތް ހުރަހެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި، އޭނާ އަށް މިހާ ހިސާބަށް އާދެވިފައިވަނީ ބުރަ މަސައްކަތުން ކަމަށެވެ. އަމިއްލަ ނަފުސަށް އިތުބާރު ކުރުމަކީ އެއަށްވުރެ މުހިއްމު ކަމެއް ކަމަށާއި، އަމިއްލަ މީހާ ދެކެ ލޯބިވުމާއި އަޅައިލުމަކީ ޒީނަތްތެރިކަން އިތުރުކޮށްދޭ ކަމެއް ކަމުގައިވެސް ޖެނިފާ ފާހަގަކުރެއެވެ.

ޖެނިފާ ލޮޕެޒް ކުޅެފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ''މަނީ ޓްރެއިން'' ''ދަ ސެލް'' ''ދަ ވެޑިންގް ސިންގާ'' އަދި ''މެއިޑް އިން މެންހެޓަން'' ހިމެނެއެވެ. އޭނާ އަމިއްލަ އަށް އުފައްދާފައިވާ ފިލްމުތަކުގެ ތެރޭގައި ''އެލް ކެންޓާންޓޭ'' ''ސެކަންޑް އެކްޓް'' އަދި ''ހަސްލާސް'' ހިމެނެއެވެ.