އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ފިޔަވައި، ހުރިހާ މެންބަރުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ފިލަންވެގެން ނޫން ކަމަށް ޝަރީފް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވީ އިންތިހާބަކަށްފަހު މެންބަރުން ޗުއްޓީ ނުނެގުމަށް ނުވަތަ ގާނޫނުގައި އެއީ މަނާކަމެއް ކަމަށް ބުނެ ގަވާއިދެއް ހެދިފައެއް ނުވާ ކަމަށާއި އެމަޖެންސީކޮށް ބައްދަލުވުމެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި ކޮމިޝަންގެ މެންބަރުން ތިއްބެވީ ތައްޔާރަށް ކަމަށެވެ.
އަޅުގަނޑުމެންގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކޮމިޝަންގެ މެންބަރުން އަބަދުވެސް ތައްޔާރަށް ތިއްބެވީ. މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ހާލަތެއްގައި، އޭގެ މާނައަކީ މާލޭގައި ހުރެގެން ވެސް އަޅުގަނޑުމެންގެ ކޮމިޝަނަރުންނަށް ފޯނުގެ ޒަރިއްޔާއިން ވެސް ކޮމިޝަންގެ މީޓިންގ ބޭއްވޭ. އެމަޖެންސީކޮށް މީޓިންގއެއް ބާއްވަން ޖެހޭ ވަރުގެ ކަމެއް އަދި ދިމައެއް ނުވޭ. ކޮމިޝަންގެ މެންބަރުން ފުރާވަޑައިގެންނެވީ ފިލައިގެނެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ކޮމިޝަންގެ މެންބަރުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އެކި ސަބަބުތަކަކާ ގުޅިގެން ކަމަށާއި އެ ބޭފުޅުން ވަޑައިގެންނެވީ ޗުއްޓީއަށާއި ބޭސްފަރުވާ ކުރުމަށް ކަމަށެވެ.
"ހަތަރު މެންބަރުން ފުރާވަޑައިގެންނެވީ ފިލަންވެގެންނެއް ނޫން. ނުވަތަ މަސްއޫލިއްޔަތުތަކުން ރެކެން ވެގެންނެއް ވެސް ނޫން. ނުވަތަ ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭތީ، އެކަމާ ޖަވާބުދާރީވާން ޖެހުލުންވާތީކީ ވެސް ނޫން. ފުރަތަމަ ކަމަކީ ޖަވާބުދާރީވާން ޖެހޭނީ ޖަވާބުދާރީވާން ޖެހޭ އުސޫލުތަކެއްގެ ތެރެއިން ނުވަތަ އޮނިގަނޑެއްގެ ތެރެއިން އަޅުގަނޑުމެންނާ ހަމައަށް އެކަމަކާ މެދު ޖަވާބުދާރީވާން ވިދާޅުވީމަ،" އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެންބަރުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ. އޭގެ ތެރެއިން އެ ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބު ވަޑައިގެންނެވީ ސްރީލަންކާއަށް ކަން އޭނާ ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.