އިސްލާމީ ތާރީޚު

ޞިއްޙީ ފަރުވާދޭ ވިލިތައް އުފައްދައި ބަލިމީހުންނަށް ހޭހަންކުރާން ފެށީ މުސްލިމުންނެވެ - 2

އަބްދުﷲ ފާރޫގް ހަސަން

(13 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

"އަހަރެމެން رسـول اللّـه صلّــى اللّـه عليـه وسلّـم ގެ އަރިހުގައި ހަނގުރާމަތަކަށްގޮސް އުޅުނީމުއެވެ. ސިފައިންނަށް ފެންދީ އުޅުނީމުއެވެ. ޝަހީދުންނާއި ޒަޚަމީން މަދީނާއަށް ގެނައުމުގެ މަސައްކަތްކޮށް އުޅުނީމުއެވެ. (ޞަޙީޙު ބުޚާރީ، ކިތާބުއްޠިއްބު: 5679، ކިތާބުލްޖިހާދު: 2883)

ދެވަނަ ރިވާޔަތުގައި ޞަރީޙަކޮށް ބަޔާންކުރެއްވިފައިވާ ގޮތުގައި އެބޭކަނބަލުން ބަލިމީހުންނަށް ފަރުވާދެއްވައި ހޭހަންކުރައްވައި އުޅުއްވިއެވެ. އާދެ، السّـيّدة رُبَــيّـــع އާ ބެހޭގޮތުން ރިވާވެފައިވެއެވެ.

"ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަރިހުގައި އެކަމަނާ ވަރަށްގިނަ ފަހަރަށް ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގެން އުޅުއްވިއެވެ. ޒަޚަމީ ޞަޙާބީންނަށް ފަރުވާދެއްވައި އުޅުއްވިއެވެ. ޝަހީދުން ހަށިކޮޅުތައް މަދީނާއަށް ގެންދަވާން މަސައްކަތް ކުރެއްވިއެވެ." (އުސުދުލް ޣާބާ ފީމަޢުރިފަތިއްޞަހާބާ: 4/107)

السّـيّدة أمّ عـطـيّــة أنـصـاريّــة رضى اللّـه عنـهــا އާ ބެހޭގޮތުން މުއައްރިޚުން ލިޔުއްވައިފައިވެއެވެ. "އެކަމަނާއަކީ ޖާހިލިއްޔަ ޒަމާނުގައިވެސް އިސްލާމީ ދައުރުގައިވެސް ޢާއްމު ބަލިތަކާއި އޮޕަރޭޝަންތަކުގެ މަޝްހޫރު މާހިރާއިންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. (ތާރީޚުއްޠިއްބު އަޙުމަދު ޝައުކަތު އައްޝަޠީ، ޞަފުޙާ: 130)

ޚުދު أمّ عـطـيّــة ގެ އަރިހުން ރިވާވެފައިވެއެވެ. "އަހަރެން رسـول اللّـه صلّــى اللّـه عليـه وسلّـم ގެ އަރިހުގައި ހަނގުރާމަތަކުގައި ބައިވެރިވަމެވެ. އަހަރެން ސިފައިންނަށް ކައްކައިދެމެވެ. ސިފައިން ކޭމްޕާ ދުރުގައި ތިބޭއިރު ކޭމްޕް ބަލަހައްޓައިދެމެވެ. ޒަޚަމީންނަށް ފަރުވާދީ ބަލިމީހުންނަށް ބޭސްކޮށްދެމެވެ." (ޠަބަޤާތުލް ކުބުރާ، އިބްނު ސަޢުދު: 6/307)

ފާހަގަކުރެވޭ އެކިއެކި ހަނގުރާމަތަކުގައި ޒަޚަމީންގެ ގައިކޮޅުގައި ބޭސްއަޅުއްވައިދެއްވައި ޢާއްމު ބަލިތަކަށް ފަރުވާދެއްވި ބޭބޭކަނބަލުންގެ ވާހަކަވެސް އިސްލާމީ ތާރީޚުގައި ޞަރީޙަކޮށް ބަޔާންކުރެވިފައިވެއެވެ. އެގޮތުން السّـيّدة نُسَيـبـة بـنـت كـعب مـازنـيّــة الأنـصـاريّــة އާ ބެހޭގޮތުން ތާރީޚު ފޮތްތަކުގައިވެއެވެ. އެކަމަނާ މަޝްހޫރުވެވަޑައިގެންފައިވަނީ أمّ عمّــارة ގެ ނަންފުޅުންނެވެ. އެކަމަނާ ބަދުރު ހަނގުރާމައިގައި ޒަޚަމީ ޞަޙާބީންގެ ގައިކޮޅުގައި ބޭސްއަޅުއްވައި ޞިއްޙީ ފަރުވާދެއްވައި އުޅުއްވިއެވެ. (އައްޠިއްބު އިންދަލް ޢަރަބު، އަޙްމަދު ޝައުކަތު އައްޝަޠީ، ޞަފުޙާ: 56)

ބަދުރު ހަނގުރާމައެކޭ އެއްފަދައިން އުޙުދު ހަނގުރާމައިގައިވެސް السّـيّدة نُسَيـبـة އިސްލާމީ ލަޝްކަރާއެކު ހަނގުރާމައަށް ނުކުމެވަޑައިގެންނެވިއެވެ. އެކަމަނާއާއި އެކަމަނާގެ ފަންވަތުގެ ޞަޙާބިއްޔާތުންގެ މަސައްކަތްޕުޅަކީ މުޖާހިދުންނަށް ފެންދެއްވުމާއި ޞިއްޙީ ފަރުވާދެއްވުމެވެ. މައިދާނަށް ވެރިފައި ހުންނަ ހަތިޔާރުތައް ހޮއްވަވައި މުޖާހިދުންނަށް ރައްދުކޮށްދެއްވުމެވެ.

ނަމަވެސް އުޙުދު ހަނގުރާމައިގެ ދެވަނަ މަރުޙަލާގައި މުޖާހިދުންކުރެ ގިނަބޭކަލުންތަކެއްގެ ފައިތިލަފުޅުތައް މައިދާނުން އުފުލުނެވެ. މުޝްރިކުން ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ވަށައިގެން ގޮނިހަދައިލިއެވެ. އެމަންޒަރު ފެނިވަޑައިގެންނެވުމުން نُسَيـبـة ގެ ހިތްޕުޅު އޮބިއޮންނަގޮތެއް ނުވިއެވެ. ގެންގުޅުއްވި ފެންހަން އެއްލައިލެއްވުމަށްފަހު ހެދުންކޮޅުން ދަރެއް ހިއްޕަވައިލެއްވިއެވެ. ކަނޑިކޮޅު ހިއްޕަވައިގެން ކައުސާހިބާގެ އަރިހަށް ވަޑައިގެން އެމާތް ސާހިބާގެ ދިފާޢުގައި ހަނގުރާމަކުރައްވާން ފައްޓަވައިފިއެވެ. އޭރު نُسَيـبـة ގެ އަތްޕުޅުގައި އައްޑަނަކޮޅެއްވެސް ނެތެވެ. ނަމަވެސް އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އާ ދިމާޔަށް އަރައަރައިގެން އަންނަ ދުޝްމިނުންގެ ގަދަފަދަ ފަހުލަވާނުން އެކަމަނާގެ ކަނޑިކޮޅުގެ ބާރުގައި ފޭކުރައްވަމުން ގެންދެވިއެވެ.

އެވަގުތު ފުރަގަސްދީގެންހުރި މުސްލިމެއްގެ އަތުގައި އައްޑަނައެއް އޮއްވައި ފެނިވަޑައިގެން ކައުސާހިބާ صلّــى اللّـه عليـه وسلّـم އޭނާއަށް ޙަދީޘު ކުރެއްވިއެވެ. ކަލޭގެ އައްޑަނަ ހަނގުރާމަކުރާ މީހަކަށް ދޭށެވެ. އޭނާ އައްޑަނަ އެއްލުމުން نُسَيـبـة އެ އައްޑަނަ ނަންގަވައިގެން ހަނގުރާމަ ކުރައްވަމުން ގެންދެވިއެވެ. އެގޮތަށް ހަނގުރާމަ ކުރައްވަނިކޮށް އެކަމަނާގެ ދަރިކަލުން عـبـداللّـه بــن زيــد ގެ އަތްޕުޅުގައި މުޝްރިކުން ކަނޑީން ޖަހައި ޒަޚަމްކޮށްލުމުން ދަރިކަލުންގެ އަތްޕުޅު ބެންޑޭޖް ކޮށްދެއްވިއެވެ.

السّـيّدة نُسَيـبـة رضى اللّـه عنـهــا އެދުވަހު ކުރެއްވި ހިތްވަރުފުޅުގަދަ ޖިހާދުގެ ވާހަކަ އިސްލާމީ ތާރީޚުގައި ވަނީ ރަންއަކުރުން ތާރީފާއެކު ލިޔެފާހަގަކޮށްފައެވެ. އެވާހަކަތަކުގެ ތެރޭގައި އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم ގެ އަންނަނިވި ބަސްފުޅުވެސް ވަނީ ފުރޭފު ކުރެވިފައެވެ.

"އުޙުދުގެ ދުވަހު އަހުރެން ކަނާތްފަރާތަށް އެނބުރިލިޔަސް ވާތްފަރާތަށް ބަލައިލިޔަސް ފެންނަނީ އެކަމަނާ ހަނގުރާމަ ކުރައްވާ މަންޒަރެވެ. އެކަމަނާ އެމަސައްކަތްޕުޅު ކުރެއްވީ އަހުރެންގެ ދިފާޢުގައެވެ." (ޑޮކްޓަރ މުޙައްމަދު ރިޟަލް އިސްލާމް ނަދުވީ)

އުޙުދު ހަނގުރާމައިގައި އަވަސް ފަރުވާދެއްވައި ޒަޚަމީންނަށް ހޭހަންކުރެއްވި ޞަޙާބިއްޔާއިންގެ ފަންވަތުގައި ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އާޔާ السّـيّدة أمّ أيـمـن رضى اللّـه عنـهــا އާއި السّـيّدة أمّ سُلَـيــم رضى اللّـه عنـهــا ވެސް ހިމެނިވަޑައިގެންނެވިއެވެ. އެދެބޭކަނބަލުންވެސް ޒަޚަމީ ޞަޙާބީންނަށް ޞިއްޙީ ފަރުވާ ދެއްވިއެވެ. އެބޭކަނބަލުންގެ ލާމަސީލު ޤާބިލިއްޔަތުގެ ފައިދާ މުސްލިމު މުޖާހިދުންނަށް ދެއްވަމުން ގެންދެވިއެވެ. (އަލްއިޞާބާ ފީ ތަމްޔާޒުއްޞަޙާބާ، އިބްނު ޙަޖަރު ޢަސްޤަލާނީ: 4/2730)

ޚައިބަރު ހަނގުރާމަޔަކީ ޞިއްޙީ ފަރުވާ ދެއްވާ ޞަޙާބިއްޔާއިން ތަންކޮޅެއް ގިނަ އަދަދަކަށް ބައިވެރިވެވަޑައިގެންނެވި ހަނގުރާމައެކެވެ. السّـيّدة كـُـعَيـبـة بـنـت سـعـد أسلميّـة އެހަނގުރާމައިގެ ތެރޭގައި ވަރަށް އާދަޔާ ޚިލާފު ޚިދުމަތްތަކެއް ކުރެއްވިއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އެކަމަނާގެ މަސައްކަތްޕުޅުގެ އަގު ވަޒަންކުރެއްވިއެވެ. ޣަނީމާ ބެއްސެވިއިރު އެކަމަނާއަށް ޚާއްޞަ ބައެއް ދެއްވިއެވެ. (އުސުދުލްޣާބާ: 7/252، އަލްއިޞާބާ: 2621 ޠަބަޤާތު އިބްނު ސަޢުދު: 6/212)

ޚައިބަރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ޞަޙާބިއްޔާތުންގެ ޞިއްޙީ ޚިދުމަތްދެއްވާ ވިލީގައި ހިމެނިވަޑައިގެންނެވި އެއްބޭކަނބަލަކީ السّـيّدة أمّ سِنــان أسلميّــة رضى اللّـه عنـهــا އެވެ. އެކަމަނާ ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަރިހަށް ވަޑައިގެން ހަނގުރާމަޔަށް ގެންދެވުން އެދިވަޑައިގެންނެވުމުން އެކަން ގަބޫލު ކުރެއްވިއެވެ. ކައުސާހިބާ ޙަދީޘު ކުރެއްވިއެވެ. ކަމަނާވެސް ހިންގަވާށެވެ. ކަމަނާގެ ޤަބީލާގެ ބައެއް އެހެނިހެން ބޭބޭކަނބަލުންވެސް ވަނީ ތިޔަ ޚިދުމަތް ދެއްވަން އެދިވަޑައިގެންފައެވެ. އަހުރެންވަނީ އެބޭކަނބަލުންނަށް ހުއްދަ ދީފައެވެ. ކަމަނާ ބޭނުންފުޅުނަމަ އެބޭކަނބަލުންގެ ތެރޭގައިވެސް ހުންނެވިދާނެއެވެ. ނުވަތަ އަހުރެންގެ އަންހެނުން أمّ سَلَمَة އާއެކުވެސް ހުންނެވިދާނެއެވެ. أمّ سِنــان އެދިވަޑައިގެންނެވީ أمّ المـؤمـنــيـن السّـيّدة أمّ سَلَمَة ގެ ވިލީގައި ހުންނެވުމަށެވެ. އެހެންކަމުން އިތުރު ސާހިބާ އެކަމަނާއަށް އެ ފުރުސަތު ދެއްވިއެވެ. (ޠަބަޤާތު އިބްނު ސަޢުދު: 6/213، އަލްއިޞާބާ: 4/2707)

السّـيّدة أُمَـيمـة (ނުވަތަ أُمَـيّــة، ނުވަތަ أمـيـنــة) بـنـت قـيـس الـغِــفــاريّـــة رضى اللّـه عنـهــا އަކީވެސް ޚައިބަރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ހޭހަނީންގެ ވިލީގައި ބައިވެރިވެވަޑައިގެންނެވި ބޭކަނބަލެކެވެ. އެދުވަސްވަރު އެކަމަނާއަކީ ވަރަށް ޅަފުރާގެ ބޭކަނބަލެކެވެ. ބާލިޣުވެވަޑައެއްވެސް ނުގަންނަވައެވެ. އެކަމަނާގެ ޤަބީލާގެ އަންހެން ވިއްޔަކާއެކު ވަޑައިގެން ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވުމުގެ ހުއްދަ އެދިވަޑައިގެންނެވިއެވެ. ޒަޚަމީ ޞަޙާބީންނަށް ފަރުވާކުރެއްވުމުގެ މަޤުޞަދުގައެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އެކަމަނާއަށްވެސް ހުއްދަ ދެއްވިއެވެ. (ޠަބަޤާތު އިބްނު ސަޢުދު: 6/213، އުސުދުލްޣާބާ: 7/31)

1. ޢާއްމު ބަލިތަކަށް ފަރުވާ ދެއްވުން

ބައެއް ޞަޙާބިއްޔާއިންނާ ބެހޭގޮތުން ޞަރީޙަކޮށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަނގުރާމައިގެ މައިދާނުގައި ނޫނަސް އެބޭކަނބަލުން ބޭސްފަރުވާ ކުރައްވައި އުޅުއްވިއެވެ. އެބޭކަނބަލުންގެ އަރިހުން ޞަޙާބީން ފަރުވާ ހޯއްދަވަމުން ގެންދެވިއެވެ.

މިގޮތުން ޚިދުމަތްކުރެއްވި އެންމެ މަޝްހޫރު ބޭކަނބަލަކީ أسلم ވަންހައިގެ رُفَـيــدة رضى اللّـه عنـهــا އެވެ. إبــن إسحــاق رحـمــه اللّـه ލިޔުއްވައިފައިވެއެވެ. އަޙުޒާބު ހަނގުރާމައިގެ ތެރޭގައި سـعـد بــن معــاذ رضى اللّـه عنــه ގެ އަތްޕުޅުގެ ލޭހޮޅިފުޅަކަށް ތީރެއް އަމާޒުވިއެވެ. ނަތީޖާއެއްގެގޮތުން އެކަލޭގެފާނުގެ އަތްޕުޅުން ލޭފޮދު މަނައެއް ނުވިއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ޞަޙާބީންނަށް އަމުރުކުރެއްވިއެވެ.

"އެކަލޭގެފާނު رُفَـيــدة ގެ ފޭލިގެކޮޅަށް (ކްލިނިކް) ގެންދާށެވެ. އަހުރެންނަށް އެކަލޭގެފާނުގެ ހާލުކޮޅު ޚާއްޞަ ގޮތެއްގައި ބަލަން ފަސޭހަވާނީ އޭރުންނެވެ." (ސީރަތު އިބްނު ހިޝާމު: 3/58)

(ނުނިމޭ)