ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ އައިފޯން 13، މިދިޔަ އަންގާރަ ދުވަހު ވަނީ ލޯންޗުކޮށްފައެވެ. މި އިވެންޓުގައި ތީމް ރާގުގެ ގޮތުގައާއި އިޝްތިހާރުގައި ބޭނުންކޮށްފައިވާ ރާގުގެ އަސްލަކީ ބޮލީވުޑް ލެޖެންޑް ޒީނަތު އަމަން އަދި ދޭވް އާނަންދު ހަރަކާތްތެރިވެފައިވާ 1970ގެ އަހަރުތަކުގައި މަޝްހޫރުވި ''ދަމް މާރޯ ދަމް'' ލަވައެވެ.
އެ ލަވަ އެންމެ ފުރަތަމަ ރިލީސްކޮށްފައިވަނީ 1971 ވަނަ އަހަރުގައެވެ. މި ދެތަރިން ހަރަކާތްތެރިވެފައިވާ ފިލްމު ''ހަރެ ރާމާ ހަރެ ކްރިޝްނާ''ގެ މި ލަވައަކީ ވަރަށް މަގުބޫލުވެގެން ގޮސްފައިވާ ލަވައެކެވެ.
އައިފޯން 13 އިޝްތިހާރު ކުރުމުގައި އެ ލަވައިގެ ރާގު ބޭނުންކުރުމާ ގުޅިގެން ޒީނަތު ހުރީ ވަރަށްވެސް އުފަލުންނެވެ. އެކަމާ ގުޅިގެން ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އެ ލަވަ ކުޅުނު އިރު، މިހާ މަގުބޫލުވެދާނެއެކޭ ދުވަހަކުވެސް ހީނުކުރާ ކަމަށެވެ.
''ފިލްމުގެ މަންޒަރުތައް ނަގާފައިވާނީ ކަތުމަންޑޫގައި. އެންމެ ފުރަތަމަ މި ލަވަ އަޑު އިވުނު ދުވަހުވެސް އަހަންނަށް ވަރަށް ކަމުދިޔަ، ނަމަވެސް އެހެން މީހުންނަށް ކަމުދާނެ ބާއޭ ހަމަ އަސްލަށްވެސް ހިތަށް އެރި،'' އޭނާ ބުނެފައިވެއެވެ. އޭނާ ބުނާގޮތުގައި މިހާރުވެސް އޭނާ ދާ ކޮންމެ މިއުޒިކު އިވެންޓެއްގައި އެ ލަވައިގެ ވާހަކަ އަހައެވެ.
އެ ފިލްމުގައި ޒީނަތު ހަރަކާތްތެރިވި އިރު، އޭނާގެ އުމުރުން އެންމެ 20 އަހަރެވެ. މި ފިލްމުގައި ޒީނަތު އަމަން ހުށަހަޅައިދިން ރޯލަށް އޭނާއަށް ވަނީ ފިލްމުފެއާގެ ބެސްޓް ސަޕޯޓިން އެކްޓްރެސްގެ މަގާމު ލިބިގެން ގޮސްފައެވެ.
އައިފޯން 13 ލޯންޗުކުރި ވީޑިއޯގައި އޭގެ ފީޗާސްތައް ދައްކައިދޭ އިރު، އިވެމުން ގޮސްފައިވަނީ ''ދަމް މާރޯ ދަމް'' ލަވައިގެ ރާގެވެ. އަދި އައިފޯން 13 ލޯންޗުކުރުމަށް އެޕަލްގެ ހެޑްކުއާޓަރުގައި ބޭއްވި އިވެންޓުގައި ސީއީއޯ ޓިމް ކުކް ވާހަކަދައްކަވަން ނުކުންނަވާ އިރުވެސް އެ ރާގު އިއްވާފައި ހުރެއެވެ. ފުޓްސީސްގެ ''ވޯކް އޯލް ޑޭ'' ލަވައާ ވެސް ގުޅުވައިގެން ހިމަނާފައިވާ މި ރާގު ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.