އިލެކްޝަންސް ކޮމިޝަން

އީސީގެ މެންބަރުން ވޯޓުފޮށިތައް ހުޅުވި ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް: ޝަރީފް

1

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ވޯޓުފޮށިތައް ހުޅުވި ކަމަށް ބުނެ ޕީޕީއެމްއިން ކުރަމުންދާ ތުހުމަތުތައް އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ދޮގުކޮށްފިއެވެ.

މިއަދު ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި ވޯޓު ކަރުދާސްތައް ހުރީ ވަރަށް ވަރުގަދަ ސެކިއުރިޓީއާއެކު ރައްކާތެރިކޮށް ކަމަށެވެ.

"މިވަގުތު މެންބަރުންގެ ތެރެއިން އަޅުގަނޑު އެކަނި މާލޭގައި ހުރީ. އެހެންވީމާ ވޯޓު ކަރުދާސް ހުންނާނީ ފުލުހުންގެ ސެކިއުރިޓީގެ ދަށުގައި. އަދި ސެކިއުރިޓީ ސީލް އަޅުވާފައި. އެހެންވީމާ އެއްވެސް ފަރާތަކުން ސިޓީ އުރަތައް ކަނޑައިގެން ބެލުމަކީ މިހާރު ވާނެ ކަމެއް ނޫން. ގާނޫނީ ގޮތުން ކޯޓުން އަމުރުކޮށްފިނަމަ ވޯޓު ކަރުދާސްތައް ހުރީ ސިޓީ އުރަތަކުން ނެގޭނެ ހާލަތެއްގައި،" އޭނާ ވިދާޅުވިއެވެ.

ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯގެ މުވައްޒަފުން އެއްވެސް އެންގުމަކާ ނުލައި ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ޕީޕީއެމް އިން ދައްކަމުންދާ ވާހަކައަށް ރައްދުދެއްވަމުން ޝަރީފް ވިދާޅުވީ އެއީ ވެސް ދޮގު ވާހަކަތަކެއް ކަމަށާއި ކޮންމެ އިންތިހާބެއް ވެސް ނިމުމާއެކު އެ އިންތިހާބަށް ނަގާ މުވައްޒަފުން ވަކި ވަރަކަށް ލިމިޓް ކުރާނެ ކަމަށެވެ. އަދި އެގޮތަށް ދެ މުވައްޒަފެއްގެ މަސައްކަތް ނިމުމުން ވަކިކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެން ނަމަވެސް ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރަކު އަޅުގަނޑުމެން ވާނެ ދާދި ފަހުން ވަކިކޮށްފަ. މިދިޔަ ބުރާސްފަތި ދުވަހު ވަކިކޮށްފަ. އެއީ ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރެއްގެ ގައިގައި ހުންނަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ވެފައިވާތީ ސެކްރެޓަރީ ޖެނެރަލާއި ލީގަލް ހެޑް، އޭނާއާ މަޝްވަރާ ކުރުމަށްފަހު އޭނާގެ އެޓިޓިއުޑާއި އޭނާގެ ސުލޫކީ މިންގަނޑު ދަށު ދަރަޖައިގައި ހުރުމާއެކު ކޮމިޝަނުން ވާނީ ނިންމާފައި އޭނާ ވަކިކުރަން،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރު ވަކިކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި ކޮމްޕްލެއިންޓް ބިއުރޯ ބަންދުކޮށްފައިވާ ކަމަށް ޕީޕީއެމްއިން ދައްކަމުންދާ ވާހަކަތައް ވެސް އޭނާ ވަނީ ދޮގުކޮށްފައެވެ.

"މިއަދު ހެނދުނު ވެސް ބިއުރޯގެ މެންބަރުންނާ އަޅުގަނޑު ބައްދަލުކުރިން. ބިއުރޯއަށް ހުށަހަޅާފައިވާ މައްސަލަތަކަށް ޖަވާބު ދެވިއްޖެތޯ ނުދެވޭތޯ އަދި ކިހާ އެއްޗެއްސަކަށްތޯ ޖަވާބު ދެވިފައި ހުރީ. އެކަންކަން ބެލި އިރުގައި ރިޔާސީ އިންތިހާބު ނިމުމަށްފަހު 194 މައްސަލައެއް ފައިލް ކުރެވިފައި އޮތީ. އޭގެ ތެރެއިން 88 މައްސަލައަކަށް މީގެ ކުރިން ވަނީ ޖަވާބު ދެވިފައި. އަދި 106 މައްސަލައެއް ޖަވާބު ތައްޔާރުކުރެވި، ޑިސްޕެޗް ކުރުމަށް ހަވާލުކުރެވިފައި ވަނީ. ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް މިހާތަނަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކަށް ޖަވާބު ނުދެވިއެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟