މުނިފޫހިފިލުވުން

މެޓް ގާލާއަށް ކިމް ކާޑޭޝިއަން އެއްކޮށް ނިވާވެގެންދިޔައީ ކީއްވެ؟

މިއަހަރުގެ މެޓް ގާލާ އިވެންޓުގައި އެންމެ ބޮޑަށް މީހުންގެ އަމާޒު ހުއްޓުނު ފަންނާނަކީ ކިމް ކޭޑޭޝިއަންއެވެ. އެ އިވެންޓުގައި ކިމް ކާޑޭޝިއަން އެއްކޮށް ނިވާވެގެންދިޔަ ސަބަބާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ.

ކޮވިޑުގެ ފަހުން ބޭއްވި ފުރަތަމަ މެޓް ގާލާ އިވެންޓު ބާއްވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ލޮސް އެންޖެލިސްގައެވެ. މި އިވެންޓަކީ ތަފާތު ގޮތްގޮތަށް ފަންނާނުން ހެދުން އަޅައިގެން ބައިވެރިވާ އިވެންޓެއްކަމުން އާދަޔާ ހިލާފު ގިނަ ފަރުމާތަކެއް ވަނީ ފެނިގެން ގޮސްފައެވެ. އަދި އެންމެންގެ ސަމާލުކަން ހުއްޓުނު ކިމް ކާޑޭޝިއަން ފެނިގެން ގޮސްފައިވަނީ ބޮލުން ފަށައިގެން ފަޔާ ހަމައަށް އެއްކޮށް ކަޅު ޓީޝާޓަކުން ނިވާވެގެން ހުރެއެވެ.

ކިމް ވަނީ އޭނާ މިގޮތަށް ހެދުން އެޅުމުގެ ފަހަތުގައި އޮތް ސަބަބު އިންސްޓަގުރާމުގައި ހިއްސާކޮށްފައެވެ. އެ އިވެންޓަށް ތައްޔާރުވަމުން ދިޔައިރު ނަގާފައިވާ ކަޅާއި ހުދުގެ ފޮޓޯތަކަކާއެކު އޭނާ ބުނެފައިވަނީ އެ ހެދުން ރަމްޒުކޮށްދެނީ މެޓް ގާލާގެ ތީމާ ގުޅޭގޮތަށް އެމެރިކާގެ ރޫހު ކަމަށެވެ. ޓީޝާޓަކީ އެމެރިކާ މީހުން އެންމެ އާއްމުކޮށް ލާން ބޭނުންކުރާ އަންނައުނެވެ. އެގޮތުން ބޮލުން ފެށިގެން ފައިގެ އިނގިލިތަކާ ހަމައަށް ޓީޝާޓެއްގައި ހުރުމަށްވުރެ ވަކިން ބޮޑަށް އެމެރިކާ ރަމްޒުކޮށްދެވޭނެ ގޮތެެއް ނޯންނާނެކަމުގައި އޭނާ ބުނެއެވެ. ކިމްގެ މޫނާ އެއްކޮށް ޓީޝާޓު ހެދުމުން ފޮރުވާފައިވީ ނަމަވެސް އޭނާއަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

އިންސްޓަގުރާމުގައި ކިމް ހިއްސާކުރި ފޮޓޯތަކުގެ ތެރޭގައި އޭނާ އެ ހެދުމުގައި މޫނު ނުފޮރުވައި ނަގާފައިވާ ފޮޓޯތަކެއްވެސް ހިއްސާކޮށްފައިވާތީ މި އިވެންޓުގައި ބައިވެރިވެފައިވަނީ ހަމަ އަސްލަށްވެސް ކިމްކަން ޔަގީން ކުރެވެއެވެ.

ފިރިމީހާ ކާންޔޭ ވެސްޓާއި ދުރުވި ފަހުން ބޭއްވުނު ފުރަތަމަ މެޓް ގާލާ އިވެންޓަށް ކިމް ގޮސްފައިވަނީ އޭނާގެ ކޮއްކޮ، ކެންޑަލް ޖެނާ އަދި މަންމަ ކްރިސް ޖެނާ އާއެކުގައެވެ.