ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗްއާރްސީއެމްގެ މެންބަރުކަމަށް ސަމާއު އައްޔަނު ކުރަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރު ކަމުގެ މަގާމަށް ގދ. ތިނަދޫ އަސާގެ، ސަމާއު އަބްދުއްނަޖީބު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ސީނިއާ ސްޓޭޓް އެޓާނީއެއްގެ ގޮތުގައި ހުންނެވި، ސަމާއު އެޗްއާރުސީއެމްގެ މެންބަރަކަށް އައްޔަން ކުރަން ފާސްކުރީ، މިއަދުގެ ޖަލްސާގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ސަމާއު ވަނީ ޔުނިވާސިޓީ އޮފް ލަންޑަނުން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލު ކުރައްވައި މެލްބަން ލޯ ސްކޫލުން މާސްޓާ އޮފް ހިއުމަން ރައިޓްސް ލޯ ކިޔަވައިފަ އެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ސަމާއު އައްޔަން ކުރަން ފާސް ކުރީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި ނައިވީން އަބްދުﷲ ގެ ދައުރު ހަމަވުމުންނެވެ.