އެމްޕީއެލް

ސެންޓަ އެންޓަ ޕްރައިސަސްއަށް 42 މިލިއަން ރުފިޔާ ދައްކަން އެމްޕީއެލްގެ މައްޗަށް ހައިކޯޓުން ހުކުމް ކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޭނުމަކަށް ސެންޓަ އެންޓަ ޕްރައިސަސް އިން ބަންނަމުންދިޔަ ޓަގު ބޯޓެއް ބެލެހެއްޓުމުގެ އަގުގެ ގޮތުގައި 42 މިލިއަން ރުފިޔާ އެކުންފުންޏަށް ދައްކަން އެމްޕީއެލްގެ މައްޗަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.

އެމްޕީއެލްއިން ސިވިލް ކޯޓުގެ ހުކުމް، ހައިކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން ހައިކޯޓުން އިއްޔެ އިއްވި ހުކުމުގައި ބުނެފައިވަނީ ސެންޓަ އެންޓަ ޕްރައިސަސްއިން އެމްޕީއެލް އަށް ފޮނުވި ބައެއް އިންވޮއިސްތަކަކީ އެމްޕީއެލް އަށް ލިބިފައިނުވާ އިންވޮއިސްތަކެއް ކަމަށް އެމްޕީއެލް އިން ބުނި ނަމަވެސް، އެމްޕީއެލްގެ މުވައްޒަފަކު އެ އިންވޮއިސްތައް ލިބުނު ކަމަށް ސްޓޭމްޕް ޖަހާފައި އެބައޮތް ކަމަށެވެ.

އަދި އެ އިންވޮއިސްގައި ބުނާ ތާރީހުގެ ފަހުން އެމްޕީއެލުން ސެންޓަ އެންޓަ ޕްރައިސަސްއަށް ފޮނުވި ސިޓީއެއްގައި އެ އިންވޮއިސްގެ ފައިސާ ދޫކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައި އޮތް ކަމަށް ވެސް ހުކުމުގައިވެއެވެ.

އޭގެ އިތުރުން ބޯޓު ބެލެހެއްޓުމުގެ މަސައްކަތްކޮށްދިނުމަށާއި އެކަމުގެ އަގު އެމްޕީއެލުން އަދާކުރާނެ ކަމަށް ބުނެ 2013 ގައި އެ ކުންފުނިން ސެންޓަ އެންޓަ ޕްރައިސަސްއަށް ސިޓީ ފޮނުވާފައިވާ ކަމަށްވެސް ހުކުމުގައި ބުނެފައިވެ އެވެ.

އެހެންކަމުން ޓަގު ބޯޓު ބެލެހެއްޓުމުގެމަސައްކަތްކޮށްފައިވާ ފަރާތަށް އަގުގެ ގޮތުގައި 42 މިލިއަން ރުފިޔާ ދޭންޖެހޭކަން، މަދަނީ މިންގަނޑުތަކަށް ބެލުމުން އެނގެން އޮތްކަމަށް ހުކުމުގައިވެއެވެ. އެހެންކަމުން އެމައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭ އެއްވެސް ތަނެއް ނެތްކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

އެމްޕީއެލްއިން ޓަގު ބޯޓު ބެލެހެއްޓުމުގެ މަސައްކަތް ސެންޓަ އެންޓަ ޕްރައިސަސްއާ ހަވާލުކުރީ 29 އޭޕްރީލް 2013 ގައި، އެމްޕީއެލްގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހުގައެވެ. އަދި 17 ޓަނުގެ ބްލާޑު ޕުލް ޓަގު ބޯޓެއް ބަނދެ، އެމްޕީއެލް އަށް ފޯރުކޮށްދިނުމަށް އެމްޕީއެލްއާ، ސެންޓަ އެންޓަ ޕްރައިސަސްއާ ދެމެދު އެއްބަސްވެފައިވަނީ 8 ނޮވެންބަރު 2008 ގައެވެ.

24 ސެޕްޓެމްބަރު 2017 ގައި ސެންޓަ އެންޓަ ޕްރައިސަސްއިން ސިވިލް ކޯޓަށް ހުށަހެޅި އެމައްސަލަ އެކޯޓުން ނިންމާފައިވަނީ 15 މާޗު 2018 ގައެވެ.

އަދި ދަށު ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ 13 މެއި 2018ގަ އެވެ.