އިންޑިއާގެ ހެލިކޮޕްޓަރެއް ރާއްޖޭގައި އޮވެ، ހެލިކޮޕްޓަރު ބެލުމަށް ބަޔަކު ތިބުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީ "ޚަބަރަށްފަހު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ނާޒިމް އެހެން ވިދާޅުވެފައިވާ އިރު، ހެލިކޮޕްޓަރު އޮޕްރޭޓުކުރުމަށާއި ބެލެހެއްޓުމަށް ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"ހަގީގަތުގައި އިންޑިއާގެ ހެލިކޮޕްޓަރު ރާއްޖޭގައި އޮތުމަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ނޫން. އަޅުގަނޑަށް ލިބިފައި ހުރި އަސްކަރީ ތަމްރީނަށާއި އަޅުގަނޑަށް ލިބިފައި ހުރި ތަޖުރިބާއަށް ބަލާއިރު އިންޑިއާގެ ހެލިކޮޕްޓަރެއް ރާއްޖޭގައި އޮވެ، ނޫނީ ހެލިކޮޕްޓަރު ބެލުމަށް ބަޔަކު ތިބުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ނޫން،" ކާނަލް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ހެލިކޮޕްޓަރު ބެލެހެއްޓުމާއި އޮޕަރޭޓުކުރުމަށް ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިންގެ އަދަދު ހަގީގަތުގައި ގިނައެއް ނުވާނެ ކަމަށާއި ރާއްޖޭގައި ތިބޭނީ ހަމައެކަނި ހެލިކޮޕްޓަރު ދުއްވާ މީހުންނާއި މެއިންޓެއިންކުރާ މީހުން އެކަނި ކަމަށެވެ. އަދި ހެލިކޮޕްޓަރު ބޭނުންކުރަނީ ކޮން މަގުސަދުތަކެއްގައި ކަން ދިވެހިން ވިސްނައިލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ދިވެހިރާއްޖެއަށް ދިމާވާ އެކިއެކި ކާރިސާތަކުގައާއި ސިއްހީގޮތުން ދިމާވާ އެކިއެކި މައްސަލަތަކާ ގުޅިގެން މީހުން އުފުލުމަށްޓަކައި އޭގެ އެހީތެރިކަން އަޅުގަނޑުމެން ހޯދަމުންދާނީ. އަދި އަޅުގަނޑުމެން ވިސްނައިލަން ޖެހޭ ކަނޑުގައި ދިމާވާ ކާރިސާތަކުގައި މަތިންދާ ބޯޓުގެ ބޭނުމެއް ނުކުރެވޭނެ. އެހެންނަމަވެސް ހެލިކޮޕްޓަރު އޮވެއްޖެ ހާލަތުގައި އޭގެ ބޭނުން ކުރެވިގެންދާނެ. އަޅުގަނޑުމެން ދެ ގައުމެއްގެ ދެމެދުގައި ވެފައި އޮންނަ އެއްބަސްވުމެއްގެ ދަށުން ބެހެއްޓިފައި ހުންނަ އެފަދަ ތަކެތި ސިޔާސީ ބޭނުމަށްޓަކައި ދައްކައިގެން ފޮނުވައިލަން އުޅުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ އެހާ ރަނގަޅު ގޮތެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ދޭދޭ ގައުމުގެ ދެމެދުގައި އޮންނަ އެއްބަސްވުންތައް އުވައިލުމަށް ސިޔާސީ ގޮތުން މަސައްކަތްނުކޮށް ޑިޕްލޮމެޓިކަލީ އެކަން ކުރެވޭނެ ގޮތްތައް އޮންނަ ކަމަށާއި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ސަރުކާރުން ގަދަބާރުން ހެލިކޮޕްޓަރުތައް ފޮނުވާލަން އުޅެ، ކަންކަން ކުރެއްވީ ރަނގަޅަކަށް ނޫން ކަމަށެވެ.