ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ފްރޭމް ކުރުމަކީ އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދަށް އެނގިގެން ހިންގި ބޮޑު ޖަރީމާއެއް ކަމަށް ނާޒިމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކާނަލް ނާޒިމް ވިދާޅުވީ އެ އޮޕަރޭޝަން ހިންގި ފުލުހުން އޭނާ ދިރިއުޅެމުންދާ ގެއަށް ވަދެ، ކަންކަން ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑު އޭރު ދިރިއުޅެމުންދިޔަ ގޭ ކައިރިއަށް އެ އޮޕަރޭޝަން ހިންގި ފުލުހުން އައިސް ބަލައި، އަދި އެ ގޭ ތެރެއަށް ވެސް ވަދެ، ކަންކަން ކޮށްފައި ހުރި ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބިފައި އެބައޮތް. އަދި އޭގެ އިތުރުން އޭރު ހުންނެވި ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދަށް ކަނޑައެޅިގެން އެނގިވަޑައިގެން ހިންގާފައި އޮތް ބޮޑު ޖަރީމާއެއް އެއީ،" އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެ މައްސަލައިން އެކަން ހިންގުމުގައި ހަރަކާތްތެރިވި ފުލުހުން ބަރީއަވެގެން ނުދާނެ ކަމަށާއި ފުލުހުން މިހާރު އެ މައްސަލަ ބަލަން ފަށައި ފުލުހުންގެ ޓީމެއް އޭނާއާ މަޝްވަރާކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑަށް އެނގޭ ހުރިހާ މައުލޫމާތެއް މިހާރު ވާނީ ހިއްސާކޮށްފައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުލުހުންނަށް ވަރަށް އަވަހަށް މި އޮޕަރޭޝަން ހިންގި މީހުންނާ ބެހޭ މައުލޫމާތު ހޯދާފައި، މިކަމުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ މައްޗަށް ފުލުހުން ގެންނާނެކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން،" އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު ކާނަލް ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.
ނާޒިމް އަލުން އެ މައްސަލަ ރިވިއުކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ މިދިޔަ މަހު އެ ހުކުމް ބާތިލް ކޮށްފައެވެ.