ބޮލީވުޑް

ސޫރަޖްގެ ކައިވެނީގެ މައްޗަށް އުފައްދާ ފިލްމުގައި ސަލްމާން

ފިލްމުމޭކަރު ސޫރަޖް ބަޖަތްޔާ އުފައްދާ އާއިލީ ޑްރާމާ ފިލްމުގައި ސަލްމާން ޚާން ހިމަނަން ނިންމައިފިއެވެ.

ސޫރަޖް އަކީ މީގެ ކުރީންވެސް ސަލްމާނާއެކު ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ޑިރެކްޓަރެކެވެ. އޭގެ ތެރޭގައި 'މެއިނޭ ޕިޔާރު ކިޔާ'، 'ހަމް އާޕް ކެ ހޭ ކޯން'، 'ހަމް ސާތް ސާތް ހޭ' އަދި ފަހުން ނެރުނު ފިލްމު، 'ޕްރޭމް ރަތަން ދަން ޕަޔޯ' ހިމެނެއެވެ.

ސޫރަޖް ބުނީ އޭނާ ނެރެން އުޅޭ އާއިލީ ޑްރާމާ ފިލްމާ ގުޅޭ މައުލޫމާތުތައް ސަލްމާން އާ ހިއްސާކޮށްފައިވާކަމަށެވެ. ނަމަވެސް މި ފިލްމުގެ މަސައްކަތް އަދި ފަށާނެ ވަކި ތާރީހެއް އަދި ފިލްމުގެ ނަމެއްވެސް ސޫރަޖް ނުބުނެއެވެ.

މިވަގުތު ސޫރަޖް މަސައްކަތް ކުރަމުން އަންނަނީ ފިލްމު 'ހަމް ޗާރް"ގައެވެ. ހަމް ޗާރުގެ ވާހަކަ ލިޔެ ޑައިރެކްޓް ކުރަނީ ސޫރަޖްގެ ފިރިހެން ދަރިފުޅެވެ. ސޫރަޖް ބުނި ގޮތުގައި އެ ފިލްމުގެ މަސައްކަތް ނިމުމުން ސަލްމާންއާ އެކު ހަދާ ފިލްމުގެ މަސައްކަތް ފަށާނެއެވެ.