ބޮލީވުޑް

ދީޕިކާ އާއި ރަންބީރު އެކުގައި، މިފަހަރު އިސްތިހާރަކުން

ކުރިން ރައްޓެހިވެގެން އުޅުނު ދެ ތަރިން ކަމުގައިވާ ދީޕިކާ ޕަޑުކޯން އަދި ރަންބީރު ކަޕޫރަކީ އަދިވެސް އޮން ސްކްރީންގައި ގިނަ ބަޔަކު އެންމެ ލޯބިވާ އެެއް ޖޯޑެވެ.

ދީޕިކާ އާއި ރަންބީރު އެކުގައި ވަނީ ކާމިޔާބު ފިލްމުތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި "ބަޗްނާ އޭ ހަސީނޯ" "ޔޭ ޖަވާނީ ހޭ ދިވާނީ " އަދި "ތަމާޝާ" ފާހަގަ ކޮށްލެވެއެވެ.

މި ފަހުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ދެ ތަރީން ވަރަށް އަވަހަށް އަނެއްކާވެސް އެކީގައި ފެންނާނެ އެވެ. މިފަހަރު ފިލްމަކުން ނޫނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ދީޕިކާ އަދި ރަންބީރު ފެނިގެންދާނީ ބްރޭންޑެއްގެ އިޝްތިހާރުންނެވެ. އަދި އެއީ ކޮން ބްރޭންޑެއް ކަމެއް ނޭނގެއެވެ. ނަމަވެސް އިޝްތިހާރުގެ ޝޫޓިން އިއްޔެ ވަނީ ފަށައިފައެވެ.

މީގެ އިތުރުން ލަވް ރަންޖަންގެ ފިލްމުގައިވެސް މި ދެތަރިން ފެނިގެން ދާނެ ކަމުގެ އަޑުތައްވަނީ ފެތުރިފައެވެ. މި ފިލްމުގެ ޝޫޓިން މި އަހަރު ފަށާނެއެވެ.

ރަންބީރު ދެން އެންމެ އަވަހަށް ފެންނާނީ އަޔާން މުކަރްޖީގެ "ބްރާމަސްތްރާ" އިންނެވެ. އެސިޑް އެޓޭކް ސަވައިވާ ލަކްސީ ގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ ފިލްމު "ޗަޕާކް"ގެ ޝޫޓިން ދީޕިކާ ވެސް ވަރަށް އަވަހަށް ފަށާނެއެވެ.