ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޮނީޓަރެއްގެ ގޮތުގައާއި އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ މީހުންނަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލައިފިއެވެ.
މޮނީޓާކުރުމަށް ފުރުސަތު މިއަދު ފުރުސަތު ހުޅުވާލާފައިވަނީ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ހަބަރު ފަތުވާ އިދާރާތަކަށެވެ. އަދި އޮބްޒާވްކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ ސިޔާސީ ޕާޓީތަކާއި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކަށެވެ.
އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޮނީޓަރެއްގެ ގޮތުގައާއި އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން ހަވީރު 4:00 އަށެވެ. އަދި ކޮންމެ ހޮނިހިރު ދުވަހަކު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން 4:00 އަށެވެ.
އީސީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި ޖަމިއްޔާ ޖަމާއަތްތަކަށް ފާސް ދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ އަދަދަށް ވުރެ ދިހަ އިންސައްތަ އިތުރުނުވާ ގޮތަށެވެ. އަދި މޮނިޓަރުކުރުމަށް ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކަށް ފާސް ދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ އަދަދަށް ވުރެ ދިހަ އިންސައްތަ އިތުރުނުވާ ގޮތަށް ކަމަށް އީސީން ބުނެއެވެ.
އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެ ފޯމެއް ބާތިލުކުރެވޭނެ ކަމަށް ވެސް އީސީން ވަނީ އަންގައިފައެވެ.