ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރުމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ، އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޯމު ހުށަހަޅުއްވައިފިއެވެ.
އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މުއާޒް ވާދަކުރައްވަން ނިންމަވާފައިވަނީ އަމިއްލަ ގޮތުންނެވެ.
މުއާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ގޮތުން ދިވެހި ރައްޔިތުންނަށް ހިދުމަތްކުރަން ބޭނުންވާތީ ކުރިއަށްއޮތް މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރުމަށް ނިންމައި، އެ ދާއިރާގެ ގިނަ ރައްޔިތުންގެ ތާއީދާއެކު އީސީއަށް މިއަދު ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ.
މި ފޯމަކީ އީސީއަށް ހުށަހެޅި ހުރިހާ ކަމެއް ފުރިހަމަވެ ބަލައިގަތް ފުރަތަމަ ފޯމުކަން ވެސް އުފަލާއެކު ހިއްސާކުރާ ކަމަށާއި ހުޅުމާލޭގެ ލޮބުވެތި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށް މުއާޒް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޕީޕީއެމް އިން މުއާޒް ވަކިވެ، މީގެ ތިން އަހަރު ކުރިން ފިނިފެންމާ ލޯންޗުކޮޅު ގޮވި ހާދިސާއާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 26ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއާޒް ވަނީ ފިނިފެންމާ ލޯންޗުކޮޅު ގޮވި ހާދިސާގައި އާދަޔާ ހިލާފު ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށް ވިދާޅުވެ، ރައީސް ޔާމީނާ ގުޅުން ހުރި ވާހަކަތަކެއް ދައްކަވައިފައެވެ. އޭގެ ތެރޭގައި ލޯންޗުކޮޅު ގޮވުމުގެ ކުރިން ރައީސް ޔާމީނަށް އެކަން އެނގިވަޑައިގަންނަވާ ފަދަ މޭރުމަކުން މުއާޒް ވާހަކަދެއްކެވިއެވެ.