ކުޑަކުދީންނަށް ކުރާ އަނިޔާ

ކަލާފާނު ސްކޫލު ޓީޗަރެއްގެ އިހުމާލުން ދަރިވަރަކަށް ބަދުއަހުލާގީ މަންޒަރުތަކެއް ފެނުނު ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަނީ

އިބްރާހިމް ޒަކީ

2

ޓީޗަރެއްގެ އިހުމާލުން ކަލާފާނު ސްކޫލުގެ ދަރިވަރަކަށް ބަދުއަހުލާގީ ފޮޓޯ އާއި ވީޑިއޯ އާއި އެފަދަ މައުލޫމާތު ހިމެނޭ ލިއުންތަކެއް ފެނުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

"ވަން އޮންލައިން"އަށް އެނގިފައި ވަނީ މި ހާދިސާގައި ބަދުއަހުލާގީ ވީޑިއޯ އާއި ފޮޓޯތަކެއް ފެނިފައި ވަނީ ގްރޭޑް ހަތެއްގައި ތައުލީމު ހާސިލުކުރަމުން އަންނަ 12 އަހަރުގެ ކުއްޖަކަށެވެ. އެގަޑީގައި ކުލާހުގައި ހުރި ޓީޗަރަކީ އަންހެން ޓީޗަރެކެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި ޖީމެއިލް އަދި ޕިންގް ބޭނުން ނުކުރެވޭ ގޮތް ހަދައި ކަލާފާނު ސްކޫލުގެ ދަރިވަރުންނަށް މިއަދުން ފެށިގެން ވަނީ ބްލޮކް ކޮށްފައެވެ. އަދި ޓެބްލެޓް ބޭނުންކުރުމުގައި ޓީޗަރުން އިތުރަށް ސަމާލުވުމަށް ސްކޫލުގެ މެނޭޖްމެންޓުން އިއްްޔެ ވަނީ އަންގައިފަ އެވެ.

އަދި މިއަދު ސްކޫލުގެ ލީޑިން ޓީޗަރަކު ކުލާސްތަކަށް ވަދެ އެއްވެސް ދަރިވަރަކު އަމިއްލަ ޓެބްލެޓް ސްކޫލަށް ގެންދިޔަތޯ ބަލައިފައިވާ ކަމަށާއި ވަންނަނީ ކޮން ސައިޓް ތަކަކަށްތޯ ވެސް ބަލައިފައިވާ ކަމަށް ވަނީ އެނގިފަ އެވެ.

"ވަން އޮންލައިން" އަށް މައުލޫމާތުދެމުން އެކުއްޖާގެ ބައްޕަ ބުނީ، އެ މައްސަލަ ދިމާވީ އޭނާގެ ދަރިފުޅު އިން، ކުލާހުގައި މޯބައިލް ފޯނާބެހޭ މައުލޫމާތު ހިމެނޭ ފިލާވަޅެއް ނެގުމުގެ ތެރޭގައި ކަމަށެވެ.

"ގޫގުލް ސާޗު ކޮށްގެން އެއްޗެހި ހޯދާ ގޮތަށް އެތަނުގައި އިންޓަނެޓް ދޫކޮށްފަ ހުރީ. ދެން ޓީޗަރު ބުނީ، މައުލޫމާތު ހޯދުމަށް ވަކި ލިންކަކަށް ފިތާށޭ. އެލިންކަަށް ފިތާލުމުން ބަދަލުވާގޮތަށް އޭގެ މައްޗަށް އަރަމުންދަނީ ބަދުއަހުލާގީ މަންޒަރު ފެންނަ ސެކްޝުއަލް އެޑު" ބެލެނިވެރިޔާ ކިޔައިދިނެވެ.

އޭނާ ބުނީ ކަލާފާނު ސްކޫލްގައި ޓެބްލެޓް ބޭނުން ކުރާގޮތަށް އޮތީ، ގޫގުލް ބޭނުންކޮށް ސާޗުކޮށްގެން މައުލޫމާތު ހޯދާގޮތަށް ކަމަށާއި އެއީ އެއް ގޮތަކަށްވެސް ސަލާމަތީ ގޮތުން ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ.

ސްކޫލްގައި ދަރިވަރުން ޓެބްލެޓް ބޭނުން ކުރަންޖެހޭނީ، ނެޓްވޯކެއްގެ ތެރެއިން، ޓީޗަރު ފިލާވަޅު ބެލުމަށްފަހު އެ ފިލާވަޅެއްގެ ލިންކު ކުދިންގެ ޓެބްލެޓަށް ފޮނުވައިގެން ހިއްސާކުރާ ގޮތަށް ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ބަދު އަހުލާގީ ސައިޓްތަކަށް ނުވަދެވޭގޮތަށް ސެކުރިޓީ ގާއިމް ކޮށްފައި ހުރިނަމަވެސް ގޫގުލް ބޭނުން ކޮށްގެން ސާޗް ކުރާގޮތަށް އޮތުމުން ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އާއި އެފަދަ މައުލޫމާތުހިމެނޭ ސައިޓްތަކަށް ވަދެވުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

އޭނާ ބުނީ ޓެބްލެޓް ބޭނުން ކުރުމާ ދެކޮޅު ނޫން ކަމަށާއި ނަމަވެސް ސްކޫލްތަކުގައި ޓެބްލެޓަށް އިންޓަނެޓް ދޫކޮށްގެން ނުވާނެ ކަމަށެވެ.

"ދަރިވަނުން ޓެބްލެޓް ބޭނުންކުރަންޖެހޭނީ ނެޓް ވޯކެއްގެ ތެރެއިން ފިލާވަޅުތައް ހިއްސާކުރާގޮތަށް" އޭނާ ބުންޏެވެ.

ކުއްޖާގެ ބައްޕަ ބުނީ އޭނާ ފުލުހުންނަށް މައްސަލަ ހުށަހެޅީ ބަދުއަހުލާގީ މަންޒަރުތައް ދަރިވަރަށް ފެނުމުގައި، އިހުމާލްވި ފަރާތާމެދު ފިޔަވަޅު އެޅުމަށް ކަމަށެވެ.

ކަލާފާނު ސްކޫލްގެ ޕްރިންސިޕަލް ފޯނު ނުނެގުމުން އެ ފަރާތުގެ ބަހެއް މިކަމުގައި ލިބޭގޮތް ވަނީ ނުވެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟