ޕޮލިސް

ފޯކައިދޫގައި އިންޑިއާގެ ޑޮކްޓަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ބުނެވުނީ މައުލޫމާތުގެ ކުށަކުން: ޕޮލިސް

ޝަހީދާ އަބްދުﷲ ސައީދު

ށ. ފޯކައިދޫގައި ހުރި އިންޑިއާ މީހަކު ސިއްހީ ފަރުވާދޭ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުކަމުގެ މައުލޫމާތު ''ވަންއޮންލައިން' އަށް ދެވިފައިވަނީ ލިބިފައިވާ މައުލޫމާތުގެ ކުށަކުންކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފޯކައިދޫ ގައި އެރަށު މީހަކާ ގުޅިގެން އެރަށަށް އައިސްހުރި އިންޑިއާ މީހަކު ގަވައިދާ ހިލާފަށް، ސިއްހީ ފަރުވާދޭ ކަމުގެ މައުލޫމާތު ރަށުގެ ބައެއް ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އަދި އެމައްސަލައިގައި އިންޑިއާ މީހާއާ ހަވާލުވެހުރި ދިވެހި މީހާއާ ފުލުހުން މިއަދު ސުވާލުކޮށް، އިންޑީޔާ މީހާ އަކީ ސިއްހީ ފަރުވާދިނުމުގެ ހުއްދަ އޮތް މީހެއްތޯ ސުވާލުކުރިކަމަށް ފުލުހުން ބުންޏެވެ.

އަދި އެ އިންޑިޔާ މީހާ އަކީ ހުއްދަ އޮތް މީހެއް ނޫންކަމަށް ބުނެފައިވާތީ، ސިއްހީ ފަރުވާދިނުން ހުއްޓާލުމަށް އެ މީހާއަށް ނަސޭހަތްތެރިވެފައިވާނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އިންޑިއާގައި ކަށީގެ ބައްޔަށް ފަރުވާކުރަމުންދިޔަ އިންޑިއާ މީހަކު، ފޯކައިދޫއަށް އައިސް، އެރަށުގައި، ކަށީގެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ބައެއް މީހުން އޭނާއަށް ދައްކާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އަދި ދެއްކުމުން ބޭހެއް ނުދިންނަމަވެސް ފިޒިއޮތެރަޕީ ހަދާކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.