ޕޮލިސް

ފޯކައިދޫގައި ގަވައިދާ ހިލާފަށް ސިއްހީ ފަރުވާދެމުންދިޔަ ޑޮކްޓަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޝަހީދާ އަބްދުﷲ ސައީދު

ށ. ފޯކައިދޫގައި ގަވައިދާއި ހިލާފަށް ބޭސްފަރުވާކުރަމުންދިޔަ އިންޑިއާގެ ޑޮކްޓަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

''ވަންއޮންލައިން''އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ށ. ފޯކައިދޫގައި އިންޑިއާ މީހަކު ހުއްދަނެތި ޑޮކްޓަރީކަން ކުރާކަމުގެ ޝަކުވާ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި އެމައްސަލައިގައި އޭނާ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލުގެ މެންބަރަކު ވިދާޅުވީ އެރަށަށް ޗުއްޓީއެއްގައި ގޮސް ހުރި އިންޑިއާގެ ޑޮކްޓަރަކީ އެރަށު މީހެއްގެ ރަހުމަތްތެރިއެއްގެ ގޮތުގައި ގޮސް ހުރި މީހެއް ކަމަށެވެ.

އަދި އޭނާއަކީ އިންޑިއާގައި ކުލިނިކެއްގައި ކަށީގެ ބައްޔަށް ފަރުވާ ކުރާ މީހެއްކަމަށާއި އޭނާ އެރަށަށް ދިއުމުން ކަށީގެ މައްސަލަތައް ހުންނަ ބައެއް މީހުން އޭނާއަށް ދައްކާ ކަމަށާއި ނަމަވެސް އެއްވެސް ބޭހެއް ނުދޭކަމަށް އާސިފު ވިދާޅުވިއެވެ.

އާސިފު ވިދާޅުވީ ދެނީ ހަމައެކަނި ފިޒިއޮތެރަޕީއެއް ކަމަށެވެ. އަދި ފުލުހުން މިހާރު އެކަން ހުއްޓުވާފައިވާކަމަށް ވެސް އާސިފު ވިދާޅުވިއެވެ.

ފޯކައިދޫން ''ވަންއޮންލައިން''އަށް މައުލޫމާތު ދިން މީހަކު ބުނީ އިންޑިއާގެ ކުލިނިކެއްގައި އިންނަ މީހަކު އެރަށުގައި ކަށީގެ ބައްޔަށް ފަރުވާކުރާ ކަމަށާއި އޭނާދިން ބޭހެއް ކޭމީހަކު ފުނަދޫ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފައިވާކަމަށެވެ.