ޕޮލިސް

މަސްއޫދަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރުމުން ކޯޓުން ދޫކޮށްލި މީހާއަށް ދައުވާކުރަން ފޮނުވައިފި

އިބްރާހިމް ޒަކީ

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން ކޯޓުން ދޫކޮށްލި މީހާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވަނީ އެކަން "ވަން އޮންލައިން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ކޮން މައްސަލައަކަށް ކަމެއް އޮފިޝަލު ވިދާޅެއް ނުވެއެވެ.

ލ. ފޮނަދޫގައި ދިރިއުޅުއްވަމުން ގެންދަވާ މަސްއޫދަށް ހަމަލާދިނީ ހުސްވި އޯގަސްޓް މަހުގެ ތިން ވަނަ ދުވަހުގެރޭ އިރާކޮޅު އަނބިކަބަލުންނާ އެކު ސައިކަލުގައި ދުއްވާފައި ދަނިކޮށް ފަހަތުން އެހެން ސައިކަލެއްގައި ދިޔަ މީހެކެވެ.

އެމީހާ ސައިކަލުގައި އައިސް މަސްއޫދާ އަރައި ހަމަކޮށް ދަގަނޑު ބުރިއަކުން ހަމަލާދޭ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އެ މައްސަލަ އެ ރޭ 9:13 ހާއިރު ފުލުހުންނަށް ހުށަހެޅުމުން ތުހުމަތު ކުރެވޭ މީހާ، އެ ރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރިއެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ 36 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މައްސަލައިގައި އޭނާގެ ބަންދަށް ފޮނަދޫ ކޯޓުން ފުރަތަމަ ހަތް ދުވަސް ޖެހިއެވެ. އެ މުއްދަތު ހަމަވުމާ ގުޅިގެން އޭނާ ކޯޓަށް ހާޒިރު ކުރުމުން، ޝަރުތު ތަކަކާ އެކު އޭނާ ވަނީ ކޯޓުން ދޫކޮށްލައިފައެވެ.

ދަގަނޑުބުރިން ޖަހަން އުޅުމުގެ ތެރޭގައި ސަލާމަތް ވުމަށް ދިއްކޮށްލި އަތަށް ލިބުނު އަނިޔާތަކަށް މަސްއޫދު ވަނީ ފޮނަދޫ ސިއްހީ މަރުކަޒުން ފަރުވާ ވެސް ހޯއްދަވައިފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު މަސްއޫދުގެ ކާރުގައި ވެސް ވަނީ ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފައެވެ. އެކަމުގެ ތުހުމަތު ވެސް މަސްއޫދު ކުރައްވަނީ އޭނާއަށް ހަމަލަދިން މީހާއަށެވެ. ނަމަވެސް ކާރުގައި ރޯކޮށްލި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އައި ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.