ބުކްޝޮޕެއްގެ ތެރޭގައި ކުޑަަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީ ބުނެފި އެވެ.
އެ މިނިސްޓްރީގެ މީޑިޔާ ކޯޓިނޭޓަރު "ވަން އޮންލައިން"އަށް ވަނީ އެކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ، ބުކްޝޮޕެއްގެ ތެރޭގައި ކުޑަ ކުއްޖަކަށް ގޯނާ ކުރި މައްސަލައެއް ހުށަހަޅައިފައިވާ ކަމަށާއި، އެ މައްސަލަގައި މިހާރު ބަޔާންވެސް ނަގާފައިވާ ކަމަށެވެ.
އެ މައްސަލައިގައި، ސޯޝަލް މީޑީޔާގައި ދައުރުވާ ޕޯސްޓެއްގައި ބުނެފައިވަނީ، ނުވަ އަހަރުގެ ކުއްޖަކަށް، ބުކްޝޮޕެއްގައި މަަސައްކަތްކުރާ ބިދޭސީއަކު ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ. އެކުއްޖާގެ މަންމައާއެކު ހުއްޓައި އެ ބިދޭސީ މީހާ އަތްލާފައިވަނީ އެކުއްޖާގެ މޭމަތީގައި ކަމަށްވެސް ޕޯސްޓުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނީ ބުކްޝޮޕެއްގެ ތެރެއިން ބިދޭސީއަކު ނުވަ އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ވެސް ހުށަހަޅައިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މީޑިޔާ ކޯޑިނޭޓަރު ވިދާޅުވި އެވެ.