އެއްވެސް ބޭފުޅަކާއެކު އުޅެން ދަތިވުމަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ މިޒާޖުގައި ހުރި ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޖަމީލް ވިދާޅުވީ، ނައިބު ރައީސްކަމުން ދުރުކުރުމަކީ ހަމައެކަނި ޖަމީލްއާ ހަމައަށް އޮތް ކަމެއް ނޫން ކަމަށާއި އަމިއްލަ ބޭބެފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އަދި ކައިރީގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް ވެސް ކަންތައް ކުރެއްވީ ހަމަ އެހެން ކަމަށެވެ.
އެއީ ހުރިހާ އެންމެންނަށް އޮތް ކަމަށް. އަމިއްލަ ބޭބެއާ ދޭތެރޭގައި ކަންތައް ކުރެއްވީ އެހެން. ގާސިމް އިބްރާހީމާ ދޭތެރޭ ކަންތައް ކުރެއްވީ އެހެން. ރާއްޖޭގައި ނެތެއްނޫންތޯ އެއްވެސް މީހަކު. އެހެންވީމާ އަޅުގަނޑު ދެކޭގޮތުގައި އެއީ އެމަނިކުފާނުގެ މިޒާޖުގައި ހުރި ކަމެއް. އެއްވެސް މީހަކާއެކު އުޅެން ދަތީ،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ރައީސް ޔާމީން ހުރިހާ ކަމެއް ވެސް ކުރެއްވީ ގާނޫނީ އިމުން ބޭރުން ކަމަށާއި އޭގެ ހެކިތައް ފެނުން ކަމަށެވެ. އަދި ރައީސް ޔާމީން ގާނޫނު ހެދުމުގެ ބާރާއި ޝަރީއަޔް ހިންގުމުގެ ބާރަށް ވެސް އަރައިގެންނެވި ކަމަށް ޖަމީލް ވިދާޅުވިއެވެ.
"ހަގީގަތުގައި ގާނޫނީ އިމުން ބޭރުން ހުރިހާ ކަމެއް ކުރެއްވީ. އޭގެ ހެކިތައް ފަހުން، ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން، ސުޕްރީމް ކޯޓުގެ ފުރާޅުނަގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނެގުން. އެހެންވީމާ ހުސްއެކަނި ގައުމެއްގެ ބާރުތަކުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރެއް ނޫން. ގާނޫނު ހެދުމުގެ ބާރު، ޝަރީއަތް ހިންގުމުގެ ބާރު، ހުރިހާ ބާރަކަށް ވެސް އަރައިގަތީ،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކާމިޔާބީ ލިބިގެންދިއުމަކީ ދިވެހި ގައުމިއްޔަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ކުރިއަށްއޮތް ދުވަސްތަކުގައި އާރާސްތު ކުރުމުގެ އާ މަރުހަލާއަކަށް ރާއްޖެ ދަތުރުކުރާނެ ކަމަށެވެ. އަދި ދިވެހިން އިންތިހާބުގައި ދައްކައިދިނީ ދިވެހި ގައުމިއްޔަތުގެ ލާމަސީލު މިސާލެއް ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
"ދިވެހި ގައުމިއްޔަތު އެ އަސާސެއްގެ މައްޗަށް ބިނާވެފައިވާ ކަންތައްތަކަކީ ރީތި އަހުލާގާއި އަމާނާތްތެރިކަން. ދިވެހި ރައްޔިތުން މި އިންތިހާބުގައި ދައްކުވައިދިނީ ދިވެހިންނަށް ވަރަށް މުހިންމޭ މި ދެ ސިފަ. ރީތި އަހުލާގު، ކޮންމެ މީހަކާ ދޭތެރޭ ވެސް ރީތި އަހުލާގާއެކު މުއާމަލާތްކުރުން. ހަމަހަމަކަމާ އެކީގައި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް މުއާމަލާތްކުރުން. އިންސާފު ލިބުން. ގާތްތިމާގެ މީހުންނަށް އަޅާލުން. ތިމާއަށް ހެޔޮ ކަންތައްތައް ކޮށްދޭ މީހުން ބަލައިގަތުން. ރާއްޖޭގެ ކޮންމެ ރައްޔިތަކަށް އަދުލު އިންސާފަށް ވާސިލުވުން. ހަމައެއާ އެކީގައި އަމާނާތްތެރިކަން،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މައްޗަށް އަންނަ ވެރިންނަކީ، އެއީ ރައްޔިތުންގެ ހާދިމުން ކަމުގައި ހިތާ ހިތުން ގަބޫލުކުރަން ރައްޔިތުންނަށް ވަރަށް މުހިންމުވާ ކަމަށާއި ރައްޔިތުން މަގާމަކަށް އިންތިހާބު ކުރީމަ، އެ މަގާމުގައި މަސްއޫލިއްޔަތާ އެކީގައި އަމާނާތްތަކެއް ވާކަން ހަނދާން ކުރަން ޖެހޭ ކަމަށެވެ.