މުނިފޫހިފިލުވުން

ޕެންޑެމިކަށްފަހު މަސައްކަތަށް އެނބުރި ނުކުންނަން ޖެހިލުންވިކަމަށް ޕްރިޔަންކާ ބުނެފި

ޕެންޑެމިކަށްފަހު މަސައްކަތަށް އެނބުރި ނުކުންނަން ޖެހިލުންވި ކަމަށް ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.

ކޮވިޑުގެ ސަބަބުން ދިގު މުއްދަތެއް ވަންދެން ގޭގައި ހުރުމަށްފަހު އެނބުރި މަސައްކަތަށް ނުކުންނަން ޖެހިލުންވި ކަމަށް ޕްރިޔަންކާ ބުނެފައި ވަނީ ވޯގް އިންޑިއާ އަށް ދީފައިވާ އިންޓަވިއުއެއްގައެވެ.

ޕެންޑެމިކަށްފަހު، ގިނަ ދުވަސްތަކެއް ވާންދެން ޕްރިޔަންކާ ވަނީ ޔޫރަޕްގައި ފިލްމު ޝޫޓިން ތަކުގައި އުޅެފަ އެވެ. އޭނާ ކުޅެމުން އަންނަ ހޮލީވުޑް ފިލްމު ''ދަ މެޓްރިކްސް: ރިސަރެކްޝަންސް'' ގެ މަންޒަރުތައް ނެގުމަށް ޖަރުމަނުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު އިނގިރޭސި ވިލާތުގައި އޭނާވަނީ ''ޓެކްސްޓް ފޮ ޔޫ''ގެ މަންޒަރުތައް ނަގާފައެވެ. އަދި މިހާރު އަންނަނީ އެމޭޒަން އިން އުފައްދަމުން އަންނަ ސީރީސްއެއް ކަމަށްވާ ''ސިޓަޑެލް''ގެ މަސައްކަތްތައް ކުރަމުންނެވެ.

ވޯގް އަށް ދިން އިންޓަވިއުގައި ޕީސީ ބުނެފައިވަނީ ޕެންޑެމިކުގެ ސަބަބުން 6 މަސްދުވަސް ވަންދެން ގެއިން ބޭރަށް ނުނިކުމެ ހުރުމަށްފަހު މަސައްކަތަށް އެނބުރި ދިއުމަށް އުނދަގޫވި ކަމަށެވެ. ދިގު ބްރޭކަކަށްފަހު ލިބުނު އެންމެ ފުރަތަމަ މަސައްކަތަށް އޭނާ ޖަރުމަނަށް ދާން ޖެހުނު ކަމަށާއި އެކަމާ ޖެހިލުން ވެ ދަތުރުމަތީގައި ބިރުން ރޮވުނު ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް މަސައްކަތުގެ މާހައުލުގައި ކޮވިޑުން ރައްކާތެރިވުމަށް ރަނގަޅު ފިޔަވަޅުތަކެއް އަޅާފައި ހުރިތަން ފެނުމުން ހިތްހަމަ ޖެހުނު ކަމަށް އޭނާ ބުނެއެވެ.

މީގެ އިތުރުން ޝޫޓިންތަކަށް ރަށުން ބޭރުގައި ހޭދަކުރި ދުވަސްކޮޅު ފިރިމީހާ ނިކް އަދި މަންމަ އާއި އާއިލާ އޭނާ ގާތަށް ޒިޔާރަތް ކުރުމުން އިތުރަށް އުފާވެގެން ދިޔަކަމަށް ޕްރިޔަންކާ ވަނީ ފާހަގަކޮށްފައެވެ. ޝޫޓިން ތަކުގައި އުޅެމުން އާއިލާއާ އެކު ކްރިސްމަސް އަދި އާ އަހަރު ހޭދަކޮށްލަން ލިބުމުން ހިތްހަމަޖެހުނު ކަމަށާއި، އެއަށްފަހު ދެން ހުރި ފިލްމުތަކުގެ މަސައްކަތް ތަކުގައި އުޅުމަށް ފަސޭހަވެގެން ދިޔަކަ މަށް އޭނާ ވަނީ ބުނެފައެވެ.

ޕްރިޔަންކާގެ އެންމެފަހުން ނުކުމެފައިވާ ފިލްމުތަކަށް ބަލާއިރު ނެޓްފްލިކްސް ޑްރާމާ ''ވީ ކޭން ބީ ހީރޯސް'' ގެ އިތުރުން އޭނާ އުފައްދައި އަދި ކުޅެފައިވާ ފިލްމު ''ދަ ވައިޓް ޓައިގާ'' އަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިގެން ގޮސްފައެވެ.

ފިލްމީ މަސައްކަތްތަކާއި ޒާތީ ދިރިއުޅުމުގެ ވާހަކަތައް ޕްރިޔަންކާ އަންނަނީ އޭނާގެ މީސް މީޑިއާ އެކައުންޓުތަކުގައި ފޭނުންނާއެކު ހިއްސާކުރަމުންނެވެ.