ޑރ. މުހައްމަދު ޖަމީލް އަހްމަދު

ކޯލިޝަނަކާ ނުލައި ރައީސް ޔާމީނަށް ރައީސްކަމުގެ ވަސްވެސް ނުދުވީސް: ޖަމީލް

ކޯލިޝަނަކާ ނުލައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ރައީސްކަމުގެ ވަސްވެސް ނުދުވީސް ކަމަށް މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޖަމީލް ވިދާޅުވީ ރާއްޖޭގެ މިހާ ހިސާބަށް ކޮންމެ އިންތިހާބެއް ކާމިޔާބުވެގެން ދިޔައީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި ރައީސް ޔާމީނަށް ވެސް 2013ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ކަމަށެވެ.

"ހުދު ރައީސް ޔާމީނަށް ރައީސްކަމުގެ ނޫނީ މިހާހިސާބަށް ޒައާމަތުގެ ވަސްވެސް ނުދުވީސް ހަގީގަތުގައި. ވަރަށް ގިނަ ބައެއް އެހީތެރިކަމާއެކީގައި، ހާއްސަކޮށް ގާސިމް އިބްރާހިމްގެ މަސައްކަތްޕުޅާ އެކީގައި. ރާއްޖޭގައި ކާމިޔާބު ފޯމިއުލާއަކަށް އޮތް ހަމައެކަނި ފޯމިއުލާއަކީ ކޯލިޝަން. ރާއްޖޭގައި ދެން ވެސް ވެރިކަމެއް ދަމަހައްޓަން ބޭނުންކަމުގައި ވާނަމަ އަދި އޭގެ ފަހުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އަޅުގަނޑުގެ ނަސޭހަތަކީ ހަމަ ގުޅިގެން ހިނގާށޭ އެންމެން ދާން. އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެއޭ،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ނައިބު ރައީސްގެ ފައިސަލް ނަސީމްގެ ޒައާމަތުގައި ފުރިހަމަ ގޮތެއްގައި ވެރިކަން ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެ ބޭފުޅުންގެ ފަހަތުގައި ތިއްބެވި ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމް ފަދަ ބޭބޭފުޅުންގެ ތަޖުރިބާއާއެކު ރަނގަޅަށް ކުރިއަށްގެންދެވޭނެ ކަމަށެވެ.

"ހާއްސަގޮތެއްގައި ގާސިމް އިބްރާހިމް ފަދަ ބޭބޭފުޅުންނަކީ މިކަންކަމަށް ވަރަށް ތަޖުރިބާކާރު ބޭފުޅުން. ރައީސް މައުމޫންގެ ތަޖުރިބާ، ރައީސް ނަޝީދުގެ ތަޖުރިބާ، އަޅުގަނޑު ހިތުން މި ބޭބޭފުޅުންގެ ތަޖުރިބާއާއެކީގައި އަދި އަޅުގަނޑުމެންގެ ޒުވާން ލީޑާޝިޕަށް ބެލި ކަމުގައިވިޔަސް މި ހުރިހާ ބޭފުޅުންގެ އެބަހުރި އެ ގާބިލްކަން،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އިތުރަށް ވިދާޅުވީ އިންތިހާބުގައި ރައީސް ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ ލީޑާޝިޕާ ނުލައި ކަންތައްތައް ކުރަން ދިމާކުރުމުން ކަމަށެވެ.

ނައިބު ރައީސް ކަމުގެ މަގާމުން 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ދުރުކުރުމުން އޭގެ ދުވަސްކޮޅެއް ކުރިން ޑރ. ޖަމީލް ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ޖަމީލް ހޯދުމަށް ފުލުހުން އިއުލާންކުރިއެވެ. އަދި އޭނާގެ ޕާސްޕޯޓު ވެސް ކެންސަލްކުރިއެވެ.

ޖަމީލް މިއަދު ރާއްޖެ ވަޑައިގެންނެވި އިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެ ޕާޓީގެ ރައީސް އަލީ ވަހީދު ވަނީ އިއްޔެ ރާއްޖެ ވަޑައިގެންފައެވެ.