އަހްމަދު އަދީބު އަބްދުލްގަފޫރު

އަދީބަށް ނުވަތަ އެހެން ގައިދީއަކަށް ވިޔަސް ލިބިދޭން ޖެހޭ ފަރުވާއެއްގެ ހުރަހަކަށް ނުވާނަން: އިމްރާން

ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ނުވަތަ އެހެން ގައިދީއަކަށް ވިޔަސް ލިބިދޭން ޖެހޭ ފަރުވާއެއްގެ ހުރަހަކަށް ވެވަޑައިނުގަންނަވާނެ ކަމަށް ހޯމް މިނިސްޓަރު އައްޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން އެހެން ވިދާޅުވެފައިވަނީ އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.

ނަޝްވާ ކުރެއްވި އެ ޓުވީޓުގައި ވިދާޅުވީ މިއަދަކީ ބައިނަލްއަގުވާމީ ކެންސަރު ދުވަހަށްވުމުން ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް އަދީބަށް ޓެސްޓުތައް ހެދޭނެ ގޮތް ތަނަވަސްކޮށްދިނުމަށް ހޯމް މިނިސްޓަރު އިމްރާނަށް ގޮވާލައްވާ ކަމަށެވެ. އަދި އަދީބުގެ ބޭބެ ވެސް މަރުވީ ކެންސަރާ ހަނގުރާމަ ކުރަމުންދަނިކޮށް ކަމަށާއި އަދީބުގެ ބޭބެއެކޭ އެއްގޮތަށް އަދީބުގެ ސިސްޓު އުފެދިފައިވަނީ އެއް ތަނެއްގައި ކަމަށެވެ.

އެކަމަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ އަދީބު ނުވަތަ އެހެން ގައިދީއަކަށް ވިޔަސް ލިބިދޭން ޖެހޭ ފަރުވާއެއްގެ ހުރަހަކަށް ނުވާނެ ކަމަށާއި ފަރުވާދިނުމަށް މިނިސްޓަރަށް ދެވޭ ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ.

އަދީބަށް ފަރުވާ ދިނުމަށް ނިމިދިޔަ މަހުގެ ތެރޭގައި ވެސް ހޮސްޕިޓަލަށް ގެންދެވިފައިވެއެވެ. އޭގެ އިތުރުން ނިމިދިޔަ މަހުގެ ތެރޭގައި އަދީބު ގެއަށް ބަދަލުކުރަން ހައި ކޯޓުން އަމުރެއް ނެރެފައިވަނިކޮށް، ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ އަމުރު ތަންފީޒުކުރުން ފަސްކުރުމަށް އަމުރެއް ނެރެފައެވެ.