ބްރޯޑްކާސްޓިން ކޮމިޝަން

ޗެނަލް 13 އާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި

މަރިޔަމް ޝަހުދާ

1

ޗެނަލް 13 އާ މެދު ހަރުކަށި ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ބްރޯޑްކާސްޓިން ކޮމިޝަނުން ދީފިއެވެ.

އެގޮތުން ޗެނަލް 13ގެ “އޮޅުވާލި ވޯޓު” ޕްރޮގްރާމުގައި 5 އޮކްޓޫބަރު 2018 ދުވަހުގެ 21:40 ގައި، ވޯޓު ވަގަށް ނެގި ކަމަށާއި ބޮޑު ވަގު ޝަރީފު ކަމަށް ބުނެ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްގެ ނަޒާހަތްތެރިކަމާމެދު ޝައްކު އުފެދޭނެހެން ދެއްކި ވާހަކަތަކަށް މައާފަށް އެދި ބަޔާނެއް ނެރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެ ޗެނަލް އަށް އަންގައިފަ އެވެ.

ޗެނަލް 13 އާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން އަންގާފައިވަނީ ޗެނަލް 13ގެ “އޮޅުވާލި ވޯޓު” ޕްރޮގްރާމުގައި 5 އޮކްޓޫބަރު 2018 ދުވަހުގެ 21:40 ގައި، ވޯޓު ވަގަށް ނެގިކަމަށާއި ބޮޑު ވަގު ޝަރީފު ކަމަށް ބުނެ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްގެ ނަޒާހަތްތެރިކަމާމެދު ޝައްކު އުފެދޭނެހެން ދެއްކި ވާހަކަތަކުގެ ސަބަބުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

ޗެނަލް 13 އިން ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) ވަނަ ނަންބަރާއި ހިލާފުވި މިއީ ދެވަނަ ފަހަރުކަމުން އެ ކޮމިޝަނުން ވަނީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރުގެ ދަށުން އެފަދަ ކޮންޓެންޓުތައް ފޮނުވުމުގައި މީހުންގެ އަބުރުވެރިކަމާއި ޒާތީ ދިރިއުޅުމަށް އުނިކަމެއް ނުވަތަ ނިކަމެތިކަމެއް ނުލިބޭނެގޮތަކަށް ބްރޯޑްކާސްޓް ކުރުމަށް ސަމާލުވުމަށް ޗެނަލް 13އަށް އަންގާފައެވެ. މީގެ އިތުރުން ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަމްބަރުގެ ދަށުން އެ ކޮމިޝަނުން ވަނީ ޗެނަލް 13 ހިންގާ ރިންގް ޕްރައިވެޓް ލިމިޓެޑަށް، އެއްވެސް ޝަރުތެއް ނެތި ޗެނަލް 13 އިން 14 ފެބުރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ކުރީގެ ރެއެއްގައި 08:00 އާއި 10:00 އާ ދެމެދު މާފަށްއެދި ބަޔާނެއް އާންމުކުރުމަށް އަންގާފައެވެ.

ބްރޯޑްކާސްޓިންގް ކޮމިޝަނުން ހާމަކުރި ގޮތުގައި މި މައްސަލައިގެ ތަހުގީގުގެ މަރުހަލާގައި އަބުރުގެ ގާނޫނު އުވާލެވުމާ ގުޅިގެން މި މައްސަލަ ބަލާފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ކޮމިޝަނުން ވަނީ އަބުރުގެ ގާނޫނު އުވާލުމާއެކު އެ ގާނޫނުގެ ދަށުން ބަލަމުން އައި ހުރިހާ މައްސަލައެއް މިހާރު ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން ބެލުމަށް އެކޮމިޝަނުން ނިންމާފައިވާކަންވެސް ހާމަކޮށްފައެވެ.

މި މައްސަލައިގައި ޗެނަލް 13ގެ ފަރާތުން ރިންގް ޕްރައިވެޓް ލިމިޓެޑްއިން ދިން ބަޔާނުގައި ވަނީ މައްސަލައިގެ ކޮންޓެންޓްގެ ޓްރާންސްކްރިޕްޓްގައި ދަށުރޮނގު ދަމާފަ ހުރި ތަންތަނުގައި ފާހަގަކޮށްފައި ހުރީ ބައެއް ބޭފުޅުންނަށް ކިޔާ ވަނަންކަމަށް ބެލެވޭ ބައެއް ނަންކަމަށާއި، އެހެންކަމުން މައްސަލަ ހުށަހެޅި ފަރާތަށް އެ ބޭފުޅާއަށް ނިސްބަތްވާ ގޮތަށް ބޭނުންކުރެވިފައި ހުރި ވާހަކަތަކެއް ކަމަށް އިޙްސާސްކުރެވެނީ ކަމަށް ގަބޫލު ކުރެވޭކަމަށް ބުނެފައެވެ. ނަމަވެސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގުން ވަނީ އެ ޗެނަލް އިން ވަގުތުން ދައްކަމުން ދިޔަ މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދިޔަ ބޭފުޅާގެ ވާހަކަ ފަށާފައި ވަނީ އިލެކްޝަންސްގެ ރައީސްގެ ފުރިހަމަ ނަން ވިދާޅުވެފައި ކަމަށް ސާބިތުވެފައެވެ. އަދި ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓްގެ ސަބަބުން އިލެކްޝަންގެ ރައީސް ޝަރީފްގެ އަބުރާއި ޢިއްޒަތަށް އުނިކަން އަންނާނޭ ކަމަށް ފެންނާތީ ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) ވަނަ ނަންބަރާ ޗެނަލް 13 ހިލާފްވެފައިވާކަމަށް ކަނޑައަޅާފައެވެ.

އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވުމުން ބްރޯޑްކާސްޓިންގް ކޮމިޝަނުން ވަނީ ޗެނަލް 13 ހިންގާ ރިންގް ޕްރައިވެޓް ލިމިޓެޑަށް މީޑިއާގެ ކޮންޓެންޓް ގެނައުމުގައި މީހެއްގެ އަބުރާއި ޢިއްޒަތަށް އުނިކަން އަންނާނޭ ފަދަ ގޮތަކަށް ކަން ނުކުރުމަށް އިންޒާރު ދީފައެވެ.

އަބުރުގެ ގާނޫނު އުވާލުމުގެ ކުރިން މިފަދަ އެކި މީހުންގެ ނަޒާހަތްތެރިކަމާމެދު ޝައްކު އުފެދޭ އަދި މީހުންގެ އަބުރަށް އަރައިގަނެވޭ ފަދަ ކޮންޓެންޓް ވަގުތުން ދެއްކުމުގެ ސަބަބުން އެކި ޗެނަލްތައް ވަނީ އެކި ފަހަރުމަތިން ޖޫރިމަނާ ކުރެވިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟