ރައްޔިތުންގެ އެތައް ސުވާލުތަކަކަށް ޖަވާބު ނުދީ، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ފިޔަވައި އެހެން މެންބަރުން ރާއްޖެއިން ބޭރަށް ވަޑައިގަތުމުން ކަންބޮޑުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީސް، ހ. ހުރަފާގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ އާރިފް ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެންބަރުން ރާއްޖެއިން ބޭރަށް ވަޑައިގަތުމުން ކަންބޮޑުވާ ކަމަށެވެ.
"ނިމިދިޔަ ރިޔާސީ އިންތިހާބުގައި މައްސަލަތަކެއް ހުރެގެން ރައްޔިތުންގެ މެދުގައި ވާހަކަތަކެއް ދެކެވި، ކަންބޮޑުވުންތައް ފާޅުކުރަމުންދާ މި ދަނޑުވަޅުގައި އިލެކްޝަންސް ކޮމިޝަންގެ ފަސް ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅުން ރާއްޖެއިން ބޭރަށް ވަޑައިގަތުމަކީ ވެސް އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. މިފަދަ ދަނޑިވަޅެއްގައި ހަތަރު މެންބަރުން ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުން މިއީވެސް އިންތިހާބާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ބާރެއް ލިބިގެންދާ ކަމެއް ނޫންބާއޭ،" އޭނާ ވިދާޅުވިއެވެ.
އަލީ އަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލެއިންޓްސް ބިއުރޯގައި މަސައްކަތްކުރާ މުވައްޒަފުން، އެއްވެސް އެންގުމަކާ ނުލައި ވަޒީފާއިން ވަކިކުރުމަކީ ވެސް އިންތިހާބާ ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކަށް އިތުރު ބާރެއް ލިބިދޭ ކަމެއް ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނާ ދިމާލަށް އަމާޒުވެވޭ މި ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި އެބޭފުޅުން ޖަދަލު ކުރައްވާ މޭރުމަކުން އަމަލުފުޅުތަކާއި ބަސްފުޅުތައް މި ބަހައްޓާ ބެހެއްޓުމަކީ ހިތާމަކުރާ ކަމެއް. އެއާއެކު އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލެއިންޓްސް ބިއުރޯ ވަކި މުއްދަތަކަށް ހުންނަން ޖެހޭ ތަނެއް އެއީ. ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު އޮންނަން ޖެހޭ. އެކަމަކު އެ ފުރުސަތުތައް ވެސް ބަންދުވެ، އެ ބިއުރޯ ހުންނަ އިމާރާތް ނޫން އެހެން އިމާރާތަކަށް ބަދަލުވީ،" އޭނާ ވިދާޅުވިއެވެ.
އަލީ އާރިފް އިތުރަށް ވިދާޅުވީ ވޯޓުފޮށިތަކެއް ހުޅުވަން ނުޖެހޭ ވަގުތުތަކެއްގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ވޯޓުފޮށިތައް ހުޅުވި ކަމުގެ އަޑުތަކެއް އިވިގެންދާ ކަމަށާއި އެކަމަކީ މިއަދު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަންކަމަކީ އިންތިހާބުގައި ވާދަކުރި ދެ ފަރާތުން ވެސް ސުވާލު އުފައްދާނެ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ.