މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ

މިންގަނޑުތަކާ ހިލާފުވާނަމަ ހުއްދަ ބާތިލުކުރަންޖެހިދާނެކަމުގެ އިންޒާރު އެމްކިޔުއޭއިން ދީފި

މަތީތައުލީމު ފޯރުކޮށްދޭ ޔުނިވާސިޓީތަކާއި ކޮލެޖުތަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ހުއްދަ ދީފައިވާ ގޮތާ ހިލާފަށް ޕްރްގްރާމްތައް ހިންގާނަމަ ދީފައިވާ ހުއްދަ ބާތިލުކުރަން ޖެހިދާނެ ކަމުގެ އިންޒާރު އެ އޮތޯރިޓީން ދީފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ މަތީ ތައުލީމުދޭ ބައެއް ޔުނިވާސިޓީތަކާއި ކޮލެޖުތަކުން ހުއްދަދިން ގޮތާ ހިލާފަށް ބައެއް ޕްރޮގްރާމްތައް ހިންގާކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ.

އަދި އެކަޑަމިކް ޕްރޮގްރާމްތައް ހިންގުމުގެ ހުއްދަ ދިނުމަށްފަހު އެ ކޯސްތައް ހިންގަނީ ހުއްދަދީފައިވާ ފެންވަރަށްތޯ ބެލުމަކީވެސް އެއޮތޯރޮޓީގެ ޒިންމާއެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެމްކިޔުއޭއިން ބުނީ އެކަޑަމިކް ޕްރޮގްރާމް ހިންގާ ފަރާތުން ޕްރޮގްރާމްގެ ޑޮކިއުމެންޓް އެއޮތޯރިޓީއަށް ހުށަހެޅުމުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެ އޮތޯރިޓީގެ މިންގަނޑަށް ފެތޭނަމަ ޕްރޮގްރާމްތައް ހިންގުމުގެ ހުއްދަ ދޭ ކަމަށެވެެ.

މިފަދަ ގޮތަކަށް އަމަލުކުރަން ޖެހެނީ ތައުލީމީ ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމުގެ އިތުރުން ދަރިވަރުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކަމަށްވެސް އެ އޮތޯރިޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ.