ވެރިކަމުގެ ބާރުތައް އާ ސަރުކާރަށް ބަދަލުކުރުމުގެ މަސައްކަތުގައި އިދާރާތަކުން ބޮޑު އެއްބާރުލުމެއް ދެމުންދާ ކަމަށް ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތްޕުޅުން އެންމެ އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދާއެކު ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަހްމަދު ލަތީފު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ޝާހިދު ވިދާޅުވީ މިހާރު 15 މިނިސްޓްރީގެ ތެރެއިން ނުވަ މިނިސްޓްރީއަކާއި އަށް ކުންފުންޏަކާ ބައްދަލުކޮށްފައިވާ ކަމަށެވެ.
"މި މަސައްކަތަށް ސަރުކާރު އިދާރާތަކުންނާއި ކުންފުނިތަކުން ވަރަށް ރަނގަޅަށް އެއްބާރުލުން ދެމުންދޭ. ކުދިކުދި ކަންތައްތައް ދިމާވެފައި ހުއްޓަސް، ޖުމްލަކޮށް މިކަންކަން ކުރިއަށްދަނީ ވަރަށް އޮމާންކަމާއެކު. އެއްވެސް ކަހަލަ ދަތިތަކަމެއް ނެތި ފަންނީ މުވައްޒަފުންގެ އެހީތެރިކަމާއެކު ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މީޑިއާ އަދި މީސްމީޑިއާގެ ޒަރިއްޔާއިން އެއްވެސް އުސޫލެއްނެތި ޕްރޮމޯޝަންތައް ދިނުމާއި މުސާރަތައް ބޮޑުކުރުމަށް ޕްރޮޖެކްޓްތައް ހަވާލުކުރަމުންދާ ވާހަކަތައް ދައުރުވަމުންދާ ކަމަށާއި އެފަދަ ކަމެއް ހިނގާނަމަ އެއީ އެއްވެސް އިހުލާސްތެރިކަމެއް ނެތި ކުރާ މަސައްކަތެއް ކަމަށެވެ.
"ދައުލަތުގެ ފްލެޓްތަކާއި ގޯތިތައް ނުއަގުގައި ވިއްކާ ކަމުގެ މައުލޫމާތު ވެސް ލިބެމުން އެބަދޭ. އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރެއްގައި އެފަދަ ކަންކަމަށް ފުރުސަތެއް ނުދެއްވާނެ. މި މުއްދަތުގެ ތެރޭގައި އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރަން. އަދި ގަންނަ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވުމަށް ދަންނަވާލަން،" އޭނާ ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ އެބޭފުޅުން ކުރައްވަމުން ގެންދަވަނީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި އެބޭފުޅުން ކުރައްވަމުން ގެންދަވަނީ އިދާރީ މަސައްކަތްތައް ކަމަށެވެ. އަދި ސަރުކާރުގެ އިދާރާއަކަށް ގޮސް ޓީމުތަކުން ސިޔާސީ ވާހަކަ ނުދައްކާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.