ކޮންމެ ހާލަތަކާ ބައްދަލުވިނަމަވެސް ކުރިމަތިލުމުގެ ގާބިލުކަން އަންހެނުންނަށް ލިބިގެންވާ ކަމަށް ބޮލީވުޑް ތަރި ޝިލްޕާ ޝެޓީ ބުނެފިއެވެ.
ޝިލްޕާ މިހެން ބުނެފައިވަނީ ދިގު މެދުކެނޑުމަކަށްފަހު، އޭނާ ޖަޖުކަން ކުރަމުން އަންނަ ޝޯ ސުޕަޑޭންސާ4 އާއި އަލުން ގުޅޭ ކަން އާންމުކޮށް ދެއްކި ވީޑިއޯއެއްގަ އެވެ.
ދިގު އިންތިޒާރަކަށްފަހު ޝިލްޕާ ޝެޓީ ސުޕަޑާންސާ4 އާ ގުޅި، މިރޭ ދެއްކުމަށް ހަމަޖެހިފައިވާ ޝޯގެ ޕްރޮމޯ ވީޑިއޯ މިހާރު ސޮނީ ޓީވީން ވަނީ އާއްމުކޮށްފައެވެ.
މިރޭގެ އެޕިސޯޑު ހާއްސަ ވަނީ ފިރިމީހާ ރާޖް ކުންދުރާގެ ހައްޔަރަށްފަހު ޝިލްޕާ ފުރަތަމަ ފަހަރަށް ފެނިގެންދާ އެޕިސޯޑަށް ވާތީއެވެ.
އެޕިސޯޑުގެ ޕްރޮމޯ އިޝްތިހާރުގައި ''ޖާންސީ ކީ ރާނީ''ގެ ވާހަކައަށް ބައިވެރިޔަކު ދައްކައިދޭ ހުށަހެޅުމަށް ޖަޖުކުރަމުން ޝިލްޕާ ވަނީ ''ޖާންސީ ކީ ރާނީ'' ވާހަކަ އަޑު އިވޭ ކޮންމެ ފަހަރަކުވެސް އަންހެނުންނަކީ ކެރޭ ބައެއްކަން ހަނދާންކޮށްދޭ ކަމަށް ބުނެފައެވެ. އަދި މިހާރުވެސް މުޖުތަމައުގައި އަންހެނުންނަށް އެމީހުންގެ ފިރިންނަށްފަހު އަމިއްލަ ނަފުސަށާއި ދަރިންނަށް ޓަކައި ހައްގު ހޯދަން ދިރިއުޅުމުގައި ހަނގުރާމަކުރަން ޖެހޭ ކަމަށާއި އަންހެނުންނަށް އެ ބާރު ލިބިގެންވާކަމަށް ޝިލްޕާ ބުނެއެވެ.
ޝިލްޕާ ޝެޓީ ސުޕަޑާންސާ4 ގައި ބައިވެރިވެފައިމިވަނީ، ފިރިމީހާ ރާޖް ކުންދުރާ އޮރިޔާން ފިލްމު އުފައްދާކަމުގެ ކުށުގައި ހައްޔަރުކުރުމުން ޝޫޓިންތަކުން އެކަހެރިވެ ހުރުމަށްފަހުގައެވެ. ޝިލްޕާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ ދިގު ބްރޭކަކަށްފަހު އޭނާ ކުޅުނު ''ހަންގާމާ 2'' އިންނެވެ.