ކުޅިވަރު

މެލޭޝިއާގެ ސާފް ފެސްޓިވަލެއްގައި އެއްވަނަ ކުޑައައްޔައަށް ދެވަނަ ޖާއްޓެއަށް

އަހުމަދު ޖައިޝަން

މެލޭޝިއާގެ ޓިއޯމަން ސާފް ފެސްޓިވަލްގައި އަލީ ހުޝްރުވާން އަހްމަދު (ކުޑަ އައްޔަ) އެއްވަނަ ހޯދައި އަލީ ޖާވިދު (ޖާއްޓެ) ދެވަނަ ހޯދައިފި އެވެ.

ރިޕްކާލް މެލޭޝިއާ އާއި ޓިއޯމަން ކަބާނާއާ ގުޅިގެން ބޭއްވި ސާފް ފެސްޓިވަލް އަކީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ ފެސްޓިވަލެކެވެ.

އަމިއްލަ ގޮތުން ރާއްޖޭގެ ބައެއް ރާޅާއެޅުންތެރިން ވާދަކުރި އެ ފެސްޓިވަލްގައި ޖުމްލަ 35 ރާޅާއެޅުންތެރިން ބައިވެރިވިއެވެ. ދިވެހީންގެ އިތުރުން ދެން ހިމެނެނީ ސިންގަޕޫރު ރާޅާއެޅުންތެރިންނެވެ.

އެ ފެސްޓިވަލްގައި ކުޑަ އައްޔަ އާއި ޖާއްޓެ ހޯދި ކާމިޔާބީ ފާހަގަކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ދެ ކުޅުންތެރިންނަށްވެސް މަރުހަބާ ދަންނަވައިފައެވެ.

އަދި ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހި ރާޅާއެޅުންތެރިންނަށް ކާމިޔާބީތައް ލިބެމުންދިޔުމަކީ ވަރަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ފެސްޓިވަލް ބާއްވަމުން އަންނަތާ މިހާރު އަށް އަހަރު ވެފައިވާއިރު ފެސްޓިވަލްގެ ބޭނުމަކީ ތިމާވެށްޓާ ގުޅުންހުރި މައްސަލަތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.