ކުޑަކުދީންނަށް ކުރާ އަނިޔާ

ކުޑަ އަންހެން ކުއްޖެއްގެ ޖިންސީ ގުނަވަނުގައި އިސްތިރި ޖެއްސިކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި

1

އައްޑޫގައި ހަަތަރު ވަރަކަށް އަހަރުގެ އަންހެން ކުއްޖެއްގެ ޖިންސީ ގުނަވަނުގައި އިސްތިރި ޖައްސައި ފިއްސައިލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި މި ހާދިސާއާ ގުޅިގެން ފިހުނު ކުޑަކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ވެސް އެކުއްޖާގެ އާއިލާގެ ފަރާތުންނެވެ. އަދި އެ ކުއްޖާއަކީ އޯޓިޒަމް މައްސަލަ ހުންނަ ކުއްޖެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ހޮސްޕިޓަލަށް އެކުއްޖާ ގެންދިޔައީ ގައިމައްޗަށް އިސްތިރިއެއް ވެއްޓިގެން ފިހުނީ ކަމަށް ބުނެ އެވެ. އެހެން ނަމަވެސް ފިހިފައިވާ ތަންތަން ހުރި ގޮތުން ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމާ ގުޅިގެން ހޮސްޕިޓަލުގެ ފަރާތުން އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް އެންގީ އެވެ.

ޖެންޑާ މިނިސްޓްރީން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީގެ އޮފިޝަލަކު ވަން އޮންލައިންއަށް ޔަގީންކޮށްދެ އެވެ.

ސޯޝަލް މީޑިއާގައި ޚަބަރުތައް ފެތުރިފައިވާ ގޮތުގައި މި ހާދިސާ ހިނގި ދުވަހު ކުއްޖާގެ މަންމަ ވަނީ ކުއްލި ގޮތަކަށް ފުރައިގެން މާލެއަށް އައިސްފަ އެވެ. އައްޑޫން ވާހަކަދެއްކި މީހަކު މިއަދު ބުނީ ކުއްޖާގެ މަންމަ މާލެއަށް ދިޔައީ ޑޮކްޓަރަށް ދައްކަން ކަމަށާއި އެއީ އެހާދިސާ ހިނގުމުގެ ކުރީން ކަމަށެވެ.

އެހެން ނަމަވެސް އެކަން ޔަގީން ކުރުމަށް ވަން އޮންލައިންއިން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ނުވެފަ އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، ކުރިމަތި ފަރާތް ފިހިގެން ހޮސްޕިޓަލަށް ގެންދިޔަ ފަސް އަހަރުގެ ކުއްޖެއްގެ މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށާއި އެމައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟