ނުހައްގު މުއްސަނދިކަން ދައުލަތަށް އަނބުރައި ހޯދޭނެ ހަމައެކަނި ގޮތަކީ އެއީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި ގާނޫނެއް ފާސްކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ޖޭޕީގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ އަލީ ހުސެއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބި ހުރިހާ އެންމެނާއި އެމީހުންނާ ގުޅުންހުރި މީހުންގެ އަތުގަިއ ހުރި ނުހައްގު މުދަލާއި ފައިސާ އެފަދަ ގާނޫނެއް ނެތި ނުހޯދޭނެ ކަމަށެވެ.
އަލީގެ އެ ޓްވީޓަށް ކޮމެންޓްކޮށްފައިވާ އެންމެން ކަހަލަ ގޮތަކަށް ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ. އަދި އެއީ ހަމައެކަނި ވިދާޅުވި ބަހަކަށް ނުހައްދަވައި ހަގީގަތަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.