މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ޕީޕީއެމް އިން މޯލްޑިވިއަންއާއެކު ވެފައިވާ އެއްބަސްވުމެއްގައި ކުރި ދަތުރުތަކަށް ނުދައްކާ އޮތް 3.8 މިލިއަން ރުފިޔާ މޯލްޑިވިއަންއަށް ދެއްކުމަށް ޕީޕީއެމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުން މިއަދު ކުރި އެ ހުކުމުގައި ބުނީ 3.8 މިލިއަން ރުފިޔާއަކީ ޕީޕީއެމްއިން މޯލްޑިވިއަންއަށް ދައްކަންޖެހޭ ފައިސާ ކަމަށް އެ ޕާޓީން ވެސް އިއުތިރާފުވެފައިވާ ކަމަށާއި އެ ފައިސާ 15 ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް ހުކުމްކުރާ ކަމަށެވެ.
ޕީޕީއެމްއާ ދެކޮޅަށް މޯލްޑިވިއަން އިން ދައުވާ އުފުލާފައި ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ޕީޕީއެމް އިން ބޭއްވި "ސައިޒު ދައްކާލާ ބޮޑު ޖަލްސާ"އަށް ރާއްޖޭގެ އެކި ސަރަހައްދުން މީހުން ގެނައުމަށް މޯލްޑިވިއަން މެދުވެރިކޮށް ކޮށްފައި ހުރި ދަތުރުތަކަށް ލިބެން ޖެހޭ ފައިސާ ނުލިބިގެންނެވެ. އެ ދަތުރުތަކަށް 4.8 މިލިއަން ރުފިޔާ އަރާފައިވާ އިރު އޭގެން އެއް މިލިއަން ރުފިޔާ ޕީޕީއެމުން ވަނީ ފަހުން ދައްކައިފައެވެ.
އެކަމާ ގުޅޭގޮތުން ޕީޕީއެމް އިން ބުނެފައިވާ ގޮތުގައި ފައިސާ ދެއްކިފައިނުވަނީ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީއެވެ. މިހާރު އިލެކްޝަންސް އިން ވަނީ ޕީޕީއެމްއަށް އެ ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައެވެ. ޕީޕީއެމްއަށް ދޫނުކޮށް އިލެކްޝަންސްއިން ހިފަހައްޓާފައިވާ ފައިސާގެ އަދަދު އަށް މިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.