އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ފިޔަވައި އެ ކޮމިޝަންގެ ހުރިހާ މެންބަރުން ރާއްޖެއިން ބޭރަށް ވަޑައިގެންފިއެވެ.
އިތުބާރު ހުރި ފަރާތަކުން "ވަން"އަށް ބުނެފައިވާ ގޮތުގައި ޝަރީފް ފިޔަވައި އެ ކޮމިޝަންގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އިންޒާރުތައް ލިބެމުންދާތީއެވެ.
އެ މެންބަރުންގެ ތެރެއިން އިސްމާއިލް ހަވީބް ވަނީ އޭނާ ވަޑައިގެންނެވީ ސްރީ ލަންކާއަށް ކަން ކަށަވަރުކޮށް ދެއްވައިފައެވެ. ޝަރީފާއި ހަބީބުގެ އިތުރުން ދެން އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ ނައިބު ރައީސް އަމްޖަދު މުސްތަފާއާއި އަހްމަދު އަކްރަމް އަދި އަލީ ނަޝާތެވެ.
އިލެކްޝަންސް ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ރާއްޖެއިން ބޭރަށް ވަޑައިގެންފައިވަނީ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ޕީޕީއެމްއިން ބޮޑެތި ތުހުމަތުތަކެއް ކުރަމުން ދަނިކޮށެވެ.
އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނަތީޖާ އޮޅުވާލާފައިވާ ކަމަށް ޕީޕީއެމްއިން ތުހުމަތުކުރެއެވެ.
ޕީޕީއެމްއިން އެކި ތުހުމަތުތައް ކުރަން ފެށީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ގާނޫނާ ޚިލާފު ކަމެއް ކުރި ކަމަށް ތުހުމަތު ކުރެވޭ އޯޑިއޯތަކެއް ލީކުވުމާ ގުޅިގެންނެވެ. އެއީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކަމަށް ބެލެވޭ މީހަކާއި އެހެން މީހަކާ ދެމެދު ކޮށްފައިވާ ކަމަށް ބެލެވޭ ފޯން ކޯލްތަކެއްގެ ރެކޯޑިންއެކެވެ. އެކަމާ ގުޅޭގޮތުން ޝަރީފް ވިދާޅުވެފައިވަނީ ލީކުވި އޯޑިއޯއަކީ އެކި ފޯނު ކޯލްތައް އިސްފަސްކޮށް، މާނަ އޮޅޭގޮތަށް އެޑިޓްކޮށްފައިވާ ރެކޯޑިންއެއް ކަމަށެވެ.