އިސްލާމީ ތާރީޚު

ރަޙުމަތުގެ ނަބިއްޔާގެ ތަޢުލީމު ދެއްވުމާއި ތަރުބިޔަތު ކުރެއްވުން 04

އަބްދުﷲ ފާރޫގް ހަސަން

(09 އޯގަސްޓުގެ އަދަދާ ގުޅޭ)

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ކޮންމެ ޙަދީޘްފުޅަކީވެސް އެމާތް ސާހިބާގެ ފަޞާޙަތާއި ބަލާޣަތުގެ މައްޗަށް ދަލީލުކުރާ ޙަދީޘްފުޅެކެވެ. މަތީގައި ބަޔާންކޮށްފައިވަނީ ހަމައެކަނި ބައެއް މިސާލުތަކެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ވަނީ ހުރިހައި މައިދާންތަކެއްގައިވެސް ބުއްދިތައް ހައިރާންވެ އަންތަރީސްވާފަދަ ކާމިޔާބީތަކެއް ހާސިލުކުރައްވައިފައެވެ. އޭގެސަބަބަކީ

އެ މުޤައްދަސް ޒާތުފުޅުގެ ތެދުވެރިކަމެވެ. މުޢާމަލާ ފަހުމުވެވަޑައިގެންނެވުމެވެ. ރިވެތި ސުލޫކެވެ.

އިންސާނީ ލާބަޔަށްޓަކައި ޤުރުބާންވެވަޑައިގެންނެވުމެވެ. ކެތްތެރިވެވަޑައިގެންނެވުމެވެ. ޝުކުރުވެރިވެވަޑައިގެންނެވުމެވެ. މާފުކުރެއްވުމެވެ. މީހުން ކުރާ ނުބައި ކަންތައް ހަނދުމަފުޅު ނައްތައިލެއްވުމެވެ. ހިތްޕުޅު ހެޔޮކުރެއްވުމެވެ. ފުއްދުންތެރިވެވަޑައިގެންނެވުމެވެ. ވަކީލުކުރެއްވުމެވެ. މިއިން ކޮންމެ ކަމެއްގައިވެސް އެކަމެއްގެ އެންމެމަތީ ދަރަޖަޔަށް ކުރިއަރައިވަޑައިގެން ހުންނެވުމެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ގެ ޝަޚުޞިއްޔަތު ޒީނަތްތެރިވެގެންވަނީ ހިއްސުފުޅުތަކުގެ ތޫނުކަމުންނެވެ. ބަރުދާސް ކުރައްވާލެއް ވަރުގަދަކަމުންނެވެ. ކަންކަމުގައި ގޮތްނިންމަވަން ކުޅަދާނަފުޅުކަމާއި ފުރިހަމަކަމުންނެވެ. ފިޔަވަޅު އެޅުއްވުމާއި ޢަމަލު ކުރެއްވުމުގެ ބާރުގެ ވަރުގަދަކަމާއި ހަލުއިކަމުންނެވެ.

مــولانـا أبــوالكـلام آزاد އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ "ތަޒްކިރާ" ގައި ލިޔުއްވައިފައިވެއެވެ.

"ޙަޤީޤަތުގައި ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ޙަޔާތްޕުޅަކީ މަޢުނަވީގޮތުން އެކައްޗެއް ފަދައެވެ. ޤުރްއާނަކީ މަތުނެވެ. ނަބަވީ ސީރަތަކީ އޭގެ ޝަރަޙައެވެ. ކީރިތި ޤުރްއާން ވަނީ ކަރުދާހުގައި ލިޔެވިފައެވެ. ދެ ބޭރުގަނޑެއްގެ ދޭތެރޭގައި ޖަމާކުރެވިފައެވެ. ޔަޘްރިބުގެ މަގުމަތީގައި ހިންގަވައި ވަޑައިގަންނަވަނިކޮށް ފެނިފައިވަނީ ކީރިތި ޤުރްއާނުގެ މުޖައްސިމެކެވެ. މުމައްސިލެކެވެ." (ސާހިތިޔާ އެކެޑެމީ، ޞަފުޙާ: 197)

ސާދާ ދިރިއުޅުއްވުމެއްގެ ނަމޫނާ

ކައުސާހިބާ صلّــى اللّـه عليـه وسلّـم ބޭނުންފުޅު ކުރެއްވިނަމަ ނުހަނު އަރާމާއި ރާޙަތުގައި ނުހަނު އުފާފުޅުން ދިރިއުޅުއްވަން އެމާތް ސާހިބާއަށް ފުރުސަތު ލިބިވަޑައިގެންނެވިއެވެ. އެކަމަކު އެމާތް ސާހިބާ ދިރިއުޅުއްވީ ފަގީރުފުޅުކަމާއި ހައިހޫނުފުޅު ކަމުގައެވެ. ބަނޑުހައިފުޅުކަން ބޮޑުވުމުގެ ސަބަބުން ބަނޑުފުޅުގައި ހިލަ ބަންނަވައިގެން އުޅުއްވިއެވެ. ގެކޮޅުގައި ބައްތި ދިއްލެވުމުގެ ފުރުސަތު ލިބިވަޑައިގަންނަވަނީ މަދުފަހަރަކުއެވެ. އުނދުންމައްޗަށް އެއްޗެއް ނުއުއްދަވައި އެތައް ދުވަހެއް ފާއިތުވުމަކީ ޢާއްމު ކަމެކެވެ. އަވަހާރަފުޅު ލެއްޕެވީ އޮޅިއަށިގަނޑެއްގައެވެ. ކަދުރު ރުކުގެ ފަނުގެ ސަޓައެއްގެ މަތީގައެވެ. އިސްތަށިފުޅު އެޅުއްވީ އެތެރެޔަށް ކަދުރު ރުކުގެ ފަން އަޅައިފައިހުންނަ ބާލީސްކޮޅުގައެވެ. އަޅުކަން ކުރައްވަން ކޮޅަށް ހުންނަވާލެއް ގިނަކަމުން ފައިންޕުޅު ދުޅަވެއެވެ. އަވަށްޓެރީންގެ މަތީން އިންތިހާޔަށް ހަނދުމަފުޅު ކުރެއްވިއެވެ. އެބައިމީހުންގެ ހާލު އަހުވާލު ބެއްލެވިއެވެ. އެމާތް ސާހިބާގެ އެންމެ ނުބައި ދުޝްމަނުންނަށްވެސް މާފުކުރައްވައި ހިތްޕުޅު ސާފުކޮށްލައްވައެވެ. މިސްކީނުންނާއި ފަގީރުންނަށް އެހީ ފޯރުއްވެވިއެވެ. އެމާތް ހިތްޕުޅަށް އިލާހީ ހައިބަތު ވެރިވެފައިވާލެއް ވަރުގަދަކަމުން ވަނީ ހިތްޕުޅު ތިރިކަމާއި މަޑުމޮޅިފުޅުކަމުގެ ތަސްވީރެއް ފަދައިން ވެވަޑައިގެންފައެވެ. ބަސްފުޅު މަދެވެ. ފަރީއްކުޅުއްވަނީ އަދަބުވެރިކަމާއެކު އިށީނދެވަޑައިގެން އިންނަވައެވެ. ކުޑަކުދީން ދެކެ ލޯބިފުޅުވެއެވެ. އިތުރު ސާހިބާ އެމާތް ސާހިބާގެ އެކުވެރީންނާމެދު އިމްތިޔާޒެއް ނުގެންގުޅުއްވައެވެ.

އެއްފަހަރަކު ދަތުރުފުޅެއްގެ މަތީގައި ދުވަހުގެ ފަރީއްކޮޅަށް ބަކަރިޔެއް ތައްޔާރުކުރައްވަން އެކަލޭގެފާނުގެ އެކުވެރީންނަށް އެންގެވިއެވެ. އެއްބޭކަލަކު ވިދާޅުވިއެވެ. އަޅުގަނޑު އެބަކަރި ކަތިލާނަމެވެ. އަނެއްބޭކަލަކު ވިދާޅުވިއެވެ. އަޅުގަނޑު އެބަކަރި ނޮޅާނަމެވެ. އަނެއްބޭކަލަކު ވިދާޅުވިއެވެ. އަޅުގަނޑު އެބަކަރި ކައްކާނަމެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނު ދަރު އެއްކުރައްވާނަމެވެ. ޞަޙާބީން ވިދާޅުވިއެވެ. އޭ މާތް اللّـه ގެ ރަސޫލާއެވެ! އަޅުގަނޑުމެން ހުރިހައިކަމެއް ކޮށްފާނޫއެވެ. އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. ތިޔަބޭކަލުން ހުރިހައި ކަމެއް ކުރައްވާނެކަން އެނގިވަޑައިގަންނަވައެވެ. އެކަމަކު ތިމަންކަލޭގެފާނު އިމްތިޔާޒެއް ލިބިވަޑައިގެން ހުންނަވާކަށެއް އެދިވަޑައެއް ނުގަންނަވަމެވެ. މީހަކު އޭނާގެ އެކުވެރީންގެ ތެރޭގައި އިމްތިޔާޒެއް ލިބިގަނެގެން ހުރުމަކީ މާތް اللّـه ރުހިވޮޑިގެންވާކަމެއް ނޫނެވެ.

އެންމެ ކާމިޔާބު ޝަޚުޞިއްޔަތު

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ސީރަތުން މިބާވަތުގެ އެތައް ހާދިސާތަކެއް ފެންނާން އެބަހުއްޓެވެ. މުއުމިނުންގެ ހިތްތަކަށް ފިނިކަން ގެނެސްދޭ ހާދިސާތަކެވެ. ރޫޙަށް ދިރުން ގެނެސްދޭ ހާދިސާތަކެވެ. އިތުރު ސާހިބާ އުނގަންނައިދެއްވައި ތަރުބިޔަތު ކުރެއްވި ބޭކަލުންގެ ހިތްޕުޅުތައް މިލްކު ކުރެއްވީ މިމާތް ޚުލުޤުފުޅުތަކުގެ އަސަރުގައެވެ. މި އަސަރުގަދަ ވާހަކަފުޅު ދެއްކެވުމުގެ ޖާދޫގައެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ވަނީ އެހައިތަނަށް ދުނިޔޭގައިއޮތް އެންމެ ޖާހިލު ޤައުމު އެންމެ ހޭލުންތެރި އެންމެ ޢިލްމުވެރި ޤައުމު ކަމުގައި ހައްދަވައިފައެވެ. އެންމެ ތަހުޒީބު އެންމެ ތަމައްދުނު ޤައުމު ކަމުގައި ހައްދަވައިފައެވެ. އަޚުލާޤީ ގޮތުންނާއި ޘަޤާފީގޮތުންނާއި ތަހުޒީބީގޮތުން ހައިރާންވެ އަންތަރީސްވާފަދަ އިންޤިލާބެއް އެޤައުމަށް ގެންނަވައިފައެވެ. އެންމެ ތޭވީސް އަހަރުގެ ތެރޭގައެވެ. އޭގެ ދެވަނަ މިސާލެއް ދައްކަން ދުނިޔޭގެ ތާރީޚު ނުކުޅެދޭފަދަ އިންޤިލާބެކެވެ. އިސްލާމްދީނުގެ މިދަރަޖަ މަތިވެރި މުޢައްލިމުގެ މި މަތިވެރިކަމަށް އިޢުތިރާފުވެވަޑައިގެން ދި ހަންޑްރެޑްގެ މުސަންނިފު ޑޮކްޓަރ މައިކަލް އެޗް. ހާޓް ލިޔުއްވައިފައިވެއެވެ.

"އިތުރު ސާހިބާއަކީ ދީނީގޮތުންނާއި ދުނިޔަވީގޮތުން ތާރީޚު ދެކެފައިވާ އިންތިހާދަރަޖައިގެ ކާމިޔާބު ހަމައެކަނި ޝަޚުޞިއްޔަތެވެ."

‘He was the only man in history who was supremely successful on the both the religious and secular level.’
(ޑޮކްޓަރ މައިކަލް އެޗް. ހާޓް، ދި ހަންޑްރެޑް)

ހަމައެފަދައިން ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ނަބަވީ މިޝަނާއި އެމާތް ސާހިބާގެ ލާމަސީލު ތަޢުލީމު ދެއްވުމާއި ތަރުބިޔަތު ކުރެއްވުމުގެ މަސައްކަތްޕުޅުގެ މައްޗަށް ތަޙުލީލީ ނަޒަރެއް ހިންގެވި މަޝްހޫރު މުއައްރިޚެއްކަމުގައިވާ ޕްރޮފެސަރ ޕީ.ކޭ. ހިއްޓީ އޭނާގެ "ހިސްޓްރީ އޮފް ޢަރަބްސް" ގައި ލިޔުއްވައިފައިވެއެވެ.

"ނަބިއްޔާ (صلّــى اللّـه عليـه وسلّـم) ސުވަރުގެ ވަޑައިގެންނެވިއިރު ޢަރަބިކަރައިގެ ހަނަފަސް ބިން ޖާދޫއެއްގެ ޒަރީޢާއިން ބަޠަލުންގެ ނާސަރީއަކަށް ބަދަލުކޮށްލައްވައިފައިވާ ކަހަލައެވެ.

އެ ނާސަރީން ތައްޔާރުވި އަބްޠާލުންގެ އަދަދާއި ފެންވަރަށް ބެލިކަމުގައިވިޔަސް، އަދަދަށް ބެލިކަމުގައިވިޔަސްވެހެވެ."

‘After the death of Prophet, Sterile Arabia seems to have been converted as if by magic into a nursery of heroes the like of whom both in number and quality is hard to find any where.’

ކައުސާހިބާ صلّــى اللّـه عليـه وسلّـم ތަރުބިޔަތުކުރެއްވި ޞަޙާބީންވަނީ ރަޙުމަތުގެ ވާރޭވިލާތަކެއް ފަދައިން ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިވަޑައިގެންފައެވެ. ފިކުރީ ހުރިހާ ދާއިރާތަކެއްގެ މައްޗަށް ވެރިވެވަޑައިގެންފައެވެ. މުސްލިމުންގެ ދެންއައި ޖީލުތައް މިދެންނެވި ފިކުރީ އިންޤިލާބުގެ ބާރުގައި ފަތުރައިފައިވަނީ ހަމައެކަނި ނުބުއްވަތުގެ މުތަކެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މުސްލިމުން ވަނީ ސައިންސު ޢިލްމުވެސް އާރޯކޮށް ދިރުވައި ކުރިއަރުވައިފައެވެ. އެތަކެއް އައު ހޯދުންތަކެއް ހޯދައިފައެވެ. މިޒަމާނުގެ ސައިންސު ޢިލްމުގެ އިމާރާތުގެ ބިންގަލެއް ކަމުގައި ވެފައިވަނީ އެ ހޯދުންތަކެވެ. އިންސާފަށް ލޯބިކުރައްވާ އޮރިއެންޓަލިސްޓުންގެ އެތައްއެތައް ބޭބޭފުޅުންނެއްވަނީ މި ޙަޤީޤަތަށް އިޢުތިރާފު ވެވަޑައިގެންފައެވެ. ހެންރީ ޕެރީން ވިދާޅުވާގޮތުގައި "އިސްލާމްދީން ވަނީ ދުނިޔެއޭ މިކިޔޭ ބޯޅައިގެ ސިފަ ބަދަލުކޮށްލައިފައެވެ. ތާރީޚުގެ މުސްކުޅި އޮނިގަނޑު ނަގައި އެއްލައިލައިފައެވެ."

‘Islam changed the face of the globe. The traditional order of the history was overthrown.’

ތަޢުލީމުގެ ހުރިހާ މާހިރުން ކަހަލަގޮތަކަށް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ތަޢުލީމުގެ މަޤުޞަދަކީ އިންސާނާގެ ސީރަތު ބައްޓަން ކޮށްދިނުމެވެ. އޭނާގެ ޙަޔާތު ރަނގަޅަށް އެކަށައަޅައިދިނުމެވެ. އެމެރިކާގެ އެންމެ އަރައިހުންނެވި ތަޢުލީމީ މުފައްކިރު ޕްރޮފެސަރ ޑިޔުވީ ލިޔުއްވައިފައިވެއެވެ.

"ތަޢުލީމު ދިނުމަކީ ތަޖުރިބާ އަލުން ބައްޓަންކޮށްދިނުމެވެ. ފަރުދަކަށް އޭނާއަށް ލިބިފައިވާ ކުޅަދާނަކަމާއި ބާރުގެ މައްޗަށް ވެރިވެގަތުމުގެ ޤާބިލުކަން ހޯދައިދިނުމެވެ. އޭނާގެ ތަޖުރިބާގެ ދާއިރާ ތަނަވަސްކޮށްދިނުމެވެ. އޭނާއަކީ އިޖުތިމާޢީގޮތުން އިހުނަށްވުރެ ފައިދާހުރި މީހަކަށް ހަދައިދިނުމެވެ."

ހަމައެފަދައިން ޕްރޮފެސަރ ފިންޑްލީ އޭނާގެ ދި ސްކޫލުގައި ތަޢުލީމަކީ ކޮބައިކަން ބަޔާންކުރައްވަނީ އަންނަނިވި ފަދައިންނެވެ.

"ތަޢުލީމަކީ ޒުވާނުން ތަމައްދުނީ ދިރިއުޅުމަކަށް އަހުލުވެރި ކުރުވަން ބޭނުންވާ ތަދުބީރުތަކާއި ވަސީލަތްތަކުގެ މަޖުމޫޢާއަކަށް ކިޔާ ނަމެކެވެ. އޭގެ ޒަރީޢާއިން އެބައިމީހުންގެ ސިކުނޑި ބައެއް ޚާއްޞަ މަޤުޞަދުތަކަށާއި އަސަރުތަކަށް ތައްޔާރު ކުރުވުމެވެ."

އާދެ، ތަޢުލީމަކީ ހިލަކޮށާ މީހުން ސަންގުމަރުމަރުގެ އެތިއެތިކޮޅު ކޮށައި ގާނައި ރީތިކޮށް އޮފް ގެންނަ ފަދައިން އިންސާނީ ރޫޙު ތަހުޒީބުކުރުން ކަމުގައިވާނަމަ ދުނިޔެ ދެކެފައިވާ އެދުރުންގެ ތެރެއިން އެންމެ ފުރިހަމަޔަށް މި ވާޖިބު އަދާކުރެއްވި ޝަޚުޞިއްޔަތަކީ ކޮބައިކަމާމެދު ބަހުސު ކުރާކަށެއް ޖާގައެއްނެތެވެ. އާދެ އެމަތިވެރި މުޢައްލިމަކީ އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم އެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އުނގަންނަވައިދެއްވި ދަރިވަރުންގެ ޢަދަދާއި، ފެންވަރާއި، އެބައިމީހުންގެ ޝަޚުޞިއްޔަތަށް ގެނެސްދެއްވި އޮފަށް ބަލާއިރު އިންސާނިއްޔަތުގެ އެންމެބޮޑު މުޢައްލިމަކީ އިސްލާމްދީނުގެ ނަބިއްޔާކަމީ އެކަކަށްވެސް ދެކޮޅުހެދޭން ނެތްކަމެކެވެ. ޕްރޮފެސަރ ޕީ. ކޭ. ހިއްޓި ވިދާޅުވި ފަދައިން އިތުރު ސާހިބާގެ މަދަރުސާއިން ދަރިވަރުވެ ވަޑައިގެންފައިވަނީ أبــوبكرالصّـدّيــق رضى اللّـه عـنــه ފަދަ އިދާރީ އެތަކެއް ހިންގެވުންތެރީންނެކެވެ.

عـمــر بــن الخطّــاب رضى اللّـه عـنــه ފަދަ އެތައް ސިޔާސީންނެކެވެ. عـلــى بــن أبــى طـالـب ފަދަ އެތައް ޤާޟީންނެކެވެ. عـبـداللّـه بــن عـمــر رضى اللّـه عنــه ފަދަ އެތަކެއް ފަގީހުންނެކެވެ. عـبـداللّـه بــن عبّــاس رضى اللّـه عنــه ފަދަ އެތައް މުފައްސިރުންނެކެވެ. خــالــد بــن الــولـيـد رضى اللّـه عنــه ފަދަ އެތަކެއް ޢަސްކަރީ ކޮމާންޑަރުންނެކެވެ. އެމާތް ސާހިބާ صلّــى اللّـه عليـه وسلّـم ޙައްޖަތުލްވަދާޢުގެ ޚުޠުބާ ވިދާޅުވިއިރު އެއްލައްކަ ސައުވީސްހާސް ދަރިވަރުން އެމާތް ސާހިބާގެ އަރިހުން ޢިލްމީ މުތްތައް އެއްކުރެއްވުމަށްޓަކައި ދާވަނިކޮޅު ފަތުރުއްވައިގެން ތިއްބެވިއެވެ. صلّــى اللّـه عليـه وسلّـم.

(ނިމުނީ)