އެމްއާރްއެމް

އިންތިޚާބުގެ ކުރިން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ވިސްނުމެއް ނެތް: އެމްއާރުއެމް

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން ކުރީން އެމްއާރުއެމް ރަޖިސްޓްރީ ކުރުމުގެ ވިސްނުމެއް ނެތްކަމަށް އެމްއާރުއެމްގެ އިސް ބޭފުޅެއްކަމަށްވާ އަބްދުލްއަލީމު ވިދާޅުވެއްޖެއެވެ.

''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން އަލީމު ވިދާޅުވީ ޕާޓީ އުފެއްދުމަށް ބޭނުންވާ ފޯމު މިހަފުތާގެ ފަހުކޮޅު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

އަދި ޕާޓީ އުފައްދަން ބޭނުންވާ ތިން ހާސް މެންބަރުންގެ ސޮއި މިހާރުވެސް ލިބޭނެ ކަމަށާއި މަޖިލިސް އިންތިޚާބުގެ ތެރޭގައި ފޯމު ފުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އަލީމު ވިދާޅުވިއެވެ.

''މަޖިލިސް އިންތިހާބުގެ ކުރިން ޕާޓީ އުފެއްދުމުގެ ވިސްނުމެއް ނުގެންގުޅެން. ކެމްޕެއިން ތެރޭގައި ފޯމު ފުރުމުގެ ކަންކަންވެސް ކުރިއަށް ގެންދާނަން. އިންތިޚާބަށް ފަހު ޕާޓީ ރަޖިސްޓްރީ ކުރުމުގެ ވިސްނުން އަދި ހުރީ. މިހާރުވެސް ތިން ހާސް މެންބަރުންނަށް ވުރެ ގިނަ މީހުން އެބަތިބި ޕާޓީއަށް ސޮއިކުރަން.'' އަލީމު ވިދާޅުވިއެވެ.

އަލީމު ވިދާޅުވީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަން ނިންމެވީ ޕީޕީއެމްގެ ކޮންގްރެސް ސައްހަކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން އެރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި ކަމަށެވެ.

އެބައްދަލުވުމުގައި ރައީސް މައުމޫން އިތުރު ޕާޓީއެއް އުފައްދަން ބައްދަލުވުމުގައި ބައިވެރިވި ގިނަ މެންބަރުން ލަފާ ދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.