ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދާއި ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން މަނިކު ދޮން މަނިކު، ޕީޕީއެމް ޕީޖީ ގްރޫޕުގެ ވައިބާ ގްރޫޕުން ބޭރުކޮށްފިއެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ވައިބާ ގްރޫޕުން މެންބަރު ނާޒިމް ރަޝާދާއި މެންބަރު ހުސައިން މަނިކު ބޭރުކޮށްފައިވާ ކަން އެ ޕާޓީގެ އިސް އޮފިޝަލަކު ވަނީ "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
މެންބަރު ނާޒިމް ރަޝާދަކީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާ ތުޅާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މެންބަރެކެވެ. އޭނާ އެމްޑީޕީ ދޫކުރައްވައި، ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅެވެ.
ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށްފަހު މެންބަރު ހުސައިން މަނިކު ވަނީ ޕީޕީއެމްގެ ލީޑާޝިޕަށް ފާޑުވިދާޅުވެ، އެ ލީޑާޝިޕް އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފައެވެ. އަދި އޭނާ ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ވާދަކޮށް، އިންތިހާބު ކާމިޔާބުކުރެއްވި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި، ވާހަކަދައްކަވައިފައެވެ.