ހުޅުމާލެއަށް ދަތުރުކުރާ ބުރިޖު ހައިވޭގައި ދުއްވި ސައިކަލެއް ކޮންޓްރޯލު ނުވެގެންގޮސް ތޮށިގަނޑުގައި ޖެހި ދުއްވަން އިންމީހާ އަށް ސީރިއަސް އަނިޔާތަކެއް ލިބި ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
އެކްސިޑެންޓް ހިނގާފައިވަނީ ހައިވޭގައި ދުއްވާފައި ހުޅުލެއަށް ދިޔަ ސައިކަލު ކޮންޓްރޯލު ނުވެގެންގޮސް، ތޮށިގަނޑުގައި ޖެހިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 2:15 އެހާކަށް ހާއިރު ހުޅުލެއަށް ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ތޮށިގަނޑުގައި ޖެހިގެން ހިނގި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިންމީހާއަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނީ މިއަދު މެންދުރު ފަހު 2:50 އެހާކަށްހާއިރު އެކްސިޑެންޓެއްގައި އަނިޔާވި މީހަކު އެހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.
އަދި އޭނާއަށް އެމަޖެންސީގައި ފަރުވާ ދެމުންދާކަމަށާއި އޭނާއަކީ ފުވައްމުލައް ސިޓީއަށް ނިސްބަތްވާ 21 އަހަރުގެ މީހެއްކަމަށް ބުނެފައިވެއެވެ. އޭނާގެ ބޮލަށް އަނިޔާވެފައިވާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ފޮޓޯއިން ފެންނަ ގޮތުގައި ކޮންޓްރޯލު ނުވި ސައިކަލު އޮތީ ތޮށިގަނޑުގައި ޖެހި އޭގެ ބޭރުގައި ހުންނަ ބޮޑުހިލަތައް މަތީގަ އެވެ.
"ވަން އޮންލައިން"އަށް ލިބިފައިވާ، ހާދިސާ ހިނގި ވަގުތު ނަގައިފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ޒަޚަމްވެފައި ވަނީ ޒުވާނެކެވެ. ހައެއްކަ މީހުން ވެގެން އޭނާ އަތުލަފިކޮށްގެން ހޮސްޕިޓަލަށް ގެންދިޔައީ ކާރަކަށް އަރުވައިގެންނެވެ. އޭރު ވެސް އޭނާގެ ހޭ އެހާ ރަނގަޅަށް ހުރި ކަމަކަށް ނުފެނެ އެވެ. ބޮލުން ލޭ އަންނަތަން ވެސް ފެނެ އެވެ.