މުހައްމަދު އައުޒަމް
ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަސް ފާހަގަ ކުރާއިރު މިއަދު އަޅުގަނޑުމެން އެންމެ އިސް ކަމެއް ދޭންވީ މިދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރަމުންދާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކުގެ ތަޖުރިބާއިން ފިލާވަޅު ލިބުން ކަމާމެދު ޝައްކެއް ނެތެވެ. ޓީޗަރުންނަކީ ގައުމުގެ ކުރިމަގު އާރާސްތު ކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރާ މީހުންނެވެ.
މުހްޔިއްދީން ސްކޫލްގެ ދިވެހި ޓީޗަރު ޝިމްލާ ނަޖީބް އަކީ ވެސް މިދާއިރާގައި ފާހަގަ ކޮށްލެވޭ ތަރިއެކެވެ. 1989 ވަނަ އަހަރު ތައިލީމީ ދާއިރާއަށް ޝައުގުވެރިކަން އުފެދި މިދާއިރާގައި ހިދުމަތް ކުރުމަށް ޝިމްލާ އަތުކުރި އޮޅާލިއެވެ. ދިވެހި އިސްލާމް އަދި ތިމާވެށި ކިޔަވައިދިނުމުުގެ ދާއިރާއިން ޕްރައިމަރީ ލެވެލްގެ ކޯހެއް ފުރިހަމަކުރުމަށްފަހު މުހްޔިއްދީން ސްކޫލުން ލިބުނު ފުރުސަތުގެ ބޭނުން ހިފިއެވެ.
ކިޔަވައިދިނުމުގެ އިތުރަށް މިހާދުވަހު މުހްޔިއްދީން ސްކޫލްގައި ޚިދުމަތް ކުރެވުމުން އެ ސްކޫލަށް ވަނީ ވަރަށް ބޮޑަށް ލޯބި ޖެހިފައެވެ. ސްކޫލްގެ އިތުރު ހަރަކާތްތަކުގައި ވެސް އެންމެ ހަރަކާތްތެރި އެކަކީ ޝިމްލާއެވެ. ކޮންމެ ގަޑިއެއްގައި ގޮވާލިޔަސް ސްކޫލް ކަމެއް ވިއްޔާ ހުންނަނީ ތައްޔާާރަށެވެ.
29 އަހަރު ތައުލީމީ ދާއިރާގައި ޚިދުމަތް ކުރެވުމަކީ ޝިމްލާ ނަޖީބް ފަހުރުވެރިވާ ކަމެކެވެ. "ވަން އޮންލައިން"އަށް ދިން އިންޓަވިއުއެއްގައި ޝިމްލާ ބުނީ ކިޔަވައިދިނުމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން ހަޔާތުގައިވެސް އެންމެ އިސްކަމެއް ދެވެނީ ސްކޫލަށް ކަމަށެވެ. ޝިމްލާ ނަޖީބް މިހާތަނަށް ދުވަހަކުވެސް ސްކޫލަށް ސަލާމް ބުނެފައެއް ނުވެއެވެ. ގަޑިޖެހިފައެއް ނުވެއެވެ. ވޭތުވެދިޔަ 29 އަހަރު، ކޮންމެ އަހަރެއްގައިވެސް %100 އެޓެންޑެންސް އެވޯޑް ޝިމްލާ ހޯދައެވެ.
"މިހާދުވަހު މިދާއިރާގައި %100 އެޓެންޑެންސް ކޮންމެ އަހަރަކު ހޯދުމުގެ ސިއްރަކީ މިކަމަށް ހުންނަ ޝައުގުވެރިކަން. އަބަދުވެސް ކުރިއަށް ރާވާލައިގެން ހުރިހާކަމެއް ވެސް ކުރަނީ. އެހެންވެ އެހާ ދުވަހު މިހުރެވުނީ،" ޝިމްލާ ބުންނެވެ.
ޝިމްލާގެ ކާމިޔާބީގެ ހުރިހާކަމެއްގައި ވެސް އެންމެ އެހީތެރިވަނީ އާއިލާއެވެ. ހާއްސަކޮށް ޝިމްލާގެ ފިރިމީހާއެވެ. ފިރިމީހާއާއި ތިން ކުދިންގެ އެހީ ނުލިބުނުނަމަ މިހާ ހިސާބަށް ދަތުރުނުކުރެވޭނެ ކަމަށް ވެސް ޝިމްލާ ފާހަގަކުރިއެވެ.
"ދަރިއަކު ބަލިވެގެން ގޭގައި މަޑުކުރަން ޖެހުނަސް ފިރިމީހާ އޭނާގެ އޮފީހަށް ސަލާމް ބުނެފައި ގޭގައި މަޑުކޮށްފައި ބުނާނެ ސްކޫލަށްދާން. އަބަދުވެސް ފިރިމީހާ ބުނާނެ އެންމެ ދުވަހަކު ސްކޫލަށް ނުދިޔަސް އެތައް ކުދިންނެއްގެ ގަޑި ބޭކާރުވެގެންދާނެ ވާހަކަ،" ފިރިމީހާގެ ވާހަކަ ހިއްސާކުރަމުން ޝިމްލާ ބުންނެވެ.
2017 ވަނަ އަހަރު ފެކަލްޓީ އޮފް އެޑިއުކޭޝަނުން ޕްރައިމަރީ ޓީޗިންގ އިން ބެޗެލާސް ޑިގްރީ ހާސިލް ކުރިއެވެ. އަދި މިއަހަރު ޝިމްލާ ވަނީ ވިމެން އިން މެނޭޖްމަންޓުން ހޮވި ޕްްރޮފެޝަނަލް އެންޑް ކެރިޔާ އެވޯޑްސް 2018ގެ ރެކޮގްނިޝަން އެވޯޑް އިން އެޑިއުކޭޝަން ހޯދައިފައެވެ. ޝިމްލާ ދެކޭގޮތުގައި އޭނާގެ ހުރިހާވެސް ކާމިޔާބަކީ އޭނާގެ ދަރިވަރުން ހޯދާ ކާމިޔާބީއެވެ.
މިދާއިރާގައި އުޅޭ ފަރާތްތަކާއި އަލަށް މިދާއިރާއަށް ނުކުންނަ ކުދިންނަށް ޝިމްލާ ދޭން ބޭނުންވާ މެސެޖަކީ ގަޑިއަށް ފަރުވާތެރިވެ ހުރިހާ ކަމަކަށްވުރެ ބޮޑަށް މަސައްކަތް އިސްކޮށް ފަރުވާތެރިވުމަށެވެ.
ޝިމްލާގެ ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ތިބީ އޭނާގެ އާއިލާއެވެ. ހުރިހާ ޝުކުރެއްވެސް ހައްގު ވަނީ އާއިލާއަށް ކަމަށް ޝިމްލާ ފާހަގަކުރެއެވެ. އަދި ވަކިން ހާއްސަ ޝުކުރެއް ފިރިމީހާއަށެވެ. އަދި މިހާތަނަށް މިދާއިރާގައި އެކިގޮތް ގޮތުން އެހީތެރިކަން ދެއްވި ހުރިހާ ފަރާތްތަކަށް ޖުމްލަކޮށް ޝުކުރު އަދާކުރިއެވެ.
"ވަން އޮންލައިން"ގެ ފަރާތުން ޝިމްލާ ނަޖީބަށް ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަމެވެ.