ޕޮލިސް

މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު މަރުވެއްޖެ

މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ ލ.ހިތަދޫގެ ދެކުނުން 24 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "މާވެހި" ނަމަކަށްކިޔާ ދޯންޏެއްގައި ހުރި އެއަތޮޅު ހިތަދޫ މީހެކެވެ.

''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކު ރިލޭޝަން އަހުމަދު އާދިލު ވިދާޅުވީ މަހަށް ނުކުމެ އުޅުނު ދޯންޏަކުން ހާލުބޮޑު މީހަކު ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދާކަމުގެ މައުލޫމާތު ދީފައިވަނީ ލ. ކައްދޫގައި ތިބި ސިފައިން ކަމަށެވެ.

އާދިލު ވިދާޅުވީ އެމްއެންޑީއެފްގެ ލޯންޗެއްގައި އޭނާ ގެންނަކަމުގެ މައުލޫމާތު ލިބުމާއެކު ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނާއެކު އެމްބިއުލާންސް އެރަށު ބަނދަރަށް ދިޔަ ކަމަށެވެ. 11:30 އެހާކަށް ހާއިރު އޭނާ ގެނައުމުން ޑޮކްޓަރުން ބެލިއިރު މަރުވެފައިވާ ކަމަށާއި އަދި މަރުވިފަހުން އިރުތަކެއް ވެފައިވާ ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ އާދިލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެހިސާބުން މަރުސާބިތު ކުރުމަށްފަހު އޭނާގެ އާއިލާއާ ހަށިގަނޑު ހަވާލުކުރުމަށް އެއަތޮޅު ހިތަދޫއަށް ފޮނުވައިލި ކަމަށެވެ. އާދިލު ވިދާޅުވީ ނިޔާވެފައިވާ ހިތަދޫގެ އެމީހާއަކީ އެއްވެސް ބައްޔަކަށް މީގެކުރިން ގަން ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ މީހެއްކަން ރެކޯޑުތަކުން ނުދައްކާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ލ. ހިތަދޫގެ ދެކުނުން 24 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "މާވެހި" ނަމަކަށްކިޔާ ދޯންޏެއްގައި ހުރި މީހަކު ހާލު ދެރަވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު 11:30 އެހާކަށްހާއިރު ކަމަށެވެ.

އެމީހާގެ ހާލު ދެރަވެގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެެނދުނު ކަމަށް ބުނެފައިވެއެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތު ދެމުން ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ މަހަށް ނުކުމެ އުޅުނު ދޯންޏަކުން ހާލު ދެރަވެގެން ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ މީހާ މަރުވެފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު މިހާރު އޮތީ ހިތަދޫގައި ކަމަށެވެ. އަދި އޭނާ މަރުވެފަިއވަނީ ގުދުރަތީ މަރަކުން ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.