ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

އިޖުތިމާއީ ދާއިރާއިން ކޮމަންވެލްތުގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް: ސިދާތާ

ޝަހީދާ އަބްދުﷲ ސައީދު

އިޖުތިމާއީ ދާއިރާއާއި ތައުލީމީ ދާއިރާއިން ރާއްޖެއަށް ކޮމަންވެލްތުގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތުގެ އެސެސްމެންޓްގެ ބޭފުޅުންނާއެކު ރޭ ޖެންޑާ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ އެބައްދަލުވުމުގައި މިނިސްޓަރު ސިދާތާ ދެއްކެވި ވާހަކައިގައި ޚާއްސަ އެހީތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ކުރުމަށާއި އިޖުތިމާއީ ދާއިރާއިން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރެއްވި ކަމަށެވެ.

އެގޮތުން ސިޔާސަތުތައް އެކަށައެޅުމާއި ކަންކަން ނިންމުމުގައި ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން ހޯދުމަށާއި އަންހެނުން ބާރުވެރިކުރުވުމަށް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ މައުލޫމާތުވެސް ކޮމަންވެލްތުގެ ބޭފުޅުންނާ ހިއްސާކުރެއްވި ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު ފުޅާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވެސް މީގެއިތުރުން މިބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އިންތިޚާބުތަކުގައި ބައިވެރިވާ އަންހެނުންނާއި ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ ކާމިޔާބުކުރާ އަންހެނުން މަދުކަން ފާހަގަކުރައްވައި، އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މިނިސްޓަރު ސިދާތާ ވިދާޅުވި ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ.