ބޮލީވުޑް

ރީތި އަންހެނަކަށް ވުމަކީ ސިޔާސީ ކަންކަމަށް އޮތް ހުރަހެއް ނޫން: ބަތަލާ އާހަނާ

އިންތިހާބަކީ ބިއުޓީ ކޮންޓެސްޓެއް ނޫނަސް ރީތި އަންހެނަކަށް ވުމަކީ ސިޔާސީ ދާއިރާގައި އުޅުމަށް އޮތް ހުރަހެއް ނޫން ކަމަށް ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރު ފިލްމުގައި ޕްރިޔަންކާ ގާންދީގެ ރޯލު ކުޅުނު ބަތަލާ އާހަނާ ކުމާރަ ބުނެފިއެވެ.

އިންޑިއާގެ ލޮކް ސަބާ އިންތިހާބުގެ ކެމްޕޭނާ ގުޅިގެން ބިހާރުގެ ޑެޕިއުޓީ ޗީޕް މިނިސްޓަރު އަދި ބީޖޭޕީގެ ސީނިއާ ލީޑަރު ކަމަށްވާ ސުޝިލް ކުމާރު މޯދީ ވަނީ ޕްރިޔަންކާ ގާންދީއަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އޭނާ ބުނީ އިންތިހާބަކީ ބިއުޓީ ކޮންޓެސްޓެއް ނޫންކަމަށާއި މީހުން ވޯޓު ލާނީ މަންދޫބުން ކޮށްފައިވާ މަސައްކަތަށް ބަލާފައިކަމަށެވެ.

މިކަމާ ގުޅިގެން އާހަނާ ވަނީ ޕްރިޔަންކާ ގާންދީ ދިފާއުކޮށް ސުޝިލްއަށް ރައްދުދީފައެވެ. އާހަނާ ވަނީ ރީތި އަންހެނުންނަށް ސިޔާސީ ކަންކަމުގައި ނޫޅެވެންވީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. އަދި ޕްރިޔަންކާ ގާންދީއަކީ ރީތި އަންހެނެއް ކަމަށާއި، އޭގައި މަައްސަލައަކީ ކޮބައިތޯ ސުވާލު ކޮށްފައެވެ. މީގެ އިތުރުން އިންޑިއާގައި އުޅެނީ ހުސް ހުތުރު ފިރިހެނުންތޯ ނުވަތަ ރީތި މީހުން ނޫޅޭ ގައުމެއްތޯވެސް ވަނީ އަހައިފައެވެ. އާހަނާގެ ސުވާލުގައި ސިޔާސީ ހަރަކާތުގައި އުޅެންޖެހެނީ ހަމައެކަނި ދޮށީ އުމުރު ފުރައިގެ ފިރިހެނުން ކަމަށް ތޯ ވެސް ވަނީ ސުވާލުކޮށްފަ އެވެ.

އިންޑިއާގައި ސިޔާސީ މައިދާނުގައި އަންހެނުން މަދުކަން ފާހަގަކޮށް އާހަނާ ބުނީ ސިޔާސީ މައިދާނުގައި އުޅޭ ހުރިހާ އަންހެނުންނަށް އޭނާގެ ތާއީދު އެބައޮތް ކަމަށެވެ. އަދި ޒުވާން އަންހެނުން ސިޔާސީ ހަރަކާތުގައި މަސްއޫލު ވެގެން ނޫޅެވެންވީ ސަބަބާ މެދުވެސް ވަނީ ސުވާލު ކޮށްފައެވެ.

ޕްރިޔަންކާ ގާންދީ އަކީ އިންޑިއާގެ ކޮންގްރެސް ޕާޓީގެ ޖެނެރަލް ސެކްރެޓަރީ އިން ޗާރޖް އޮފް އުއްތަރު ޕްރަދޭޝް އެވެ. އާހަނާ ބުނި ގޮތުގައި ޕްރިޔަންކާ އަކީ އޭނާގެ އިންސްޕްރޭޝަނެކެވެ.