ހުތުބާ

ދަރިންނަށް ދެވޭ ރަނގަޅު ތަރުބިއްޔަތުގެ ތެރޭގައި ގައުމީ ލޯތްބަކީ ވަރަށް މުހިންމު އެއްޗެއް: ހުތުބާ

ދަރިންނަށް ދެވޭ ރަނގަޅު ތަރުބިއްޔަތުގެ ތެރޭގައި ގައުމީ ލޯތްބަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ގައުމުގެ ކޮންމެ މުވާތިނެއްގެ އަޒުމަކަށް ވާންވީ ގައުމަށް ދެރަކަމެއް، ނިކަމެތިކަމެއް ލިބިދާނެ އެއްވެސް ކަމެއް އެ މުވާތިނެއްގެ ފަރާތުން ވިޔަނުދިނުމަށް މަސައްކަތް ކުރުން ކަމަށެވެ.

"މިކަމަށްޓަކައި ގައުމުގެ ދަރިންގެ ހިތްތަކުގައި ގައުމީ ލޯބީގެ އޮށް އިންދުމާއި ގައުމީ ލޯތްބަކީ ކޮބައިކަމާއި އިސްލާމްދީނުގައި ގައުމީ ލޯތްބަށް ދީފައިވާ އަހައްމިއްޔަތަށް ހޭލުންތެރިކުރުވުމާއި އެ ލޯބި ފަރުދުންގެ އަގީދާއާއި ގުޅުވާލުމަކީ މައިންބަފައިންނާއި އާއިލާއާއި އެދުރުންނާއި އިލްމުވެރިންނާއި މުޅި މުޖުތަމައުގެ ޒިންމާއެކެވެ. ތިމާ އުފަން ބިމަކީ މާތްﷲ ތިމާ އެތަނަކަށް އުފަންކުރައްވައި އެތަނުގައި ލެއްވި ނިއުމަތްތަކުގެ ބޭނުންކޮށް އުފަލާއެކު ދިރިއުޅުމަށްފަހު އެތަނުގައި މަރުވެ ވަޅުލެވޭން އޮތް ތަނެވެ..،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ދަރިންނަށް ގައުމީ ލޯތްބަކީ ކޮބައިކަން ދަސްކޮށްދިނުމުގެ ކުރިން މައިންބަފައިންނާއި މުޖުތަމައުގެ އަފްރާދުން ވެސް ގައުމީ ލޯބި ދަސްކޮށް، އެމީހުންގެ ކިބައިން ގައުމީ ލޯބީ ތަމްސީލުވެ ފެންނަން ޖެހޭ ކަމަށާއި އެހެންވެއްޖެނަމަ ސައްހަގޮތުގައި ދަރިންނަށް ގައުމީ ލޯބި ވާރުތަ ވެގެންދާނެ ކަމަށެވެ.

ދަރިން ހައްދު ފަހަނައަޅައި ދިޔަނުދިނުމާއި ސުލޫކީ ގޮތުން މަގުން ކައްސާލައިގެން ދިޔަނުދީ ހިފެހެއްޓުމަށްޓަކައި އުފުލަންޖެހޭ ހުރިހާ މަސްއޫލިއްޔަތެއް އުފުލަންޖެހޭ އެންމެ ފުރަތަމަ ފަރާތަކީ މައިންބަފައިން ކަމަށާއި މުޖުތަމައު ބިނާކުރުމުގެ މުރައްބީންގެ ދައުރު އެންމެ ބޮޑަށް އަދާކުރަންޖެހޭ ދެވަނަ ފަރާތަކީ މުދައްރިސުން ނުވަތަ އެދުރުން ކަމަށް ވެސް ހުކުރު ހުތުބާގައި ބުނެފައިވެއެވެ.