ކުޅިވަރު

އޭދަފުއްޓާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ތަމްރީނުތަކަށް އަންހެން ޓީމު ޔޫއޭއީއަށް ދަނީ

މުޙައްމަދު ޝަމްޢޫން

1

ބ. އޭދަފުއްޓާ ދެކޮޅަށް ގައުމީ އަންހެން ފުޓުބޯޅަ ޓީމު ކުޅުނު މެޗަށްފަހު، ޓީމުން ޔޫއޭއީއަށް ދާން ތައްޔާރު ވެފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ތައްޔާރު ވަމުން އަންނަ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ތަމްރީނުތައް ފެށުމުގެ ގޮތުން އޭދަފުއްޓާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ގައުމީ ޓީމު މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މެޗަށްފަހު ބައްސާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ ޓީމުން ޔޫއޭއީއަށް ކޭމްޕަކަށް ދާން ތައްޔާރު ވެފައިވާ ކަމަށާއި، އެގައުމުގައި ޔޫއޭއީ އަންހެން ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެމެޗު ކުޅެން ހަމަޖެހިފައިވާ ކަމަށެވެ.

ބައްސާމްގެ ޓުވީޓު ---

ގައުމީ އަންހެން ޓީމުގެ ކޯޗެއްގެ ޒިންމާއާ މި ވަގުތު ހަވާލުވެ ހުރީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) އެވެ. ޑުންގާ އަށް އެހީތެރިވުމުގެ ގޮތުން ގައުމީ ޓީމުގެ ތަރި ފަދުވާ ޒާހިރު ވެސް ވަނީ ހަރަކާތްތެރި ވެފައެވެ. ގައުމީ އަންހެން ޓީމަށް ބިދޭސީ ކޯޗަކު ހަމަޖައްސަން އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަންނަ އަހަރު އިންޑިއާގައި ބާއްވާ މުބާރާތުގެ ކޮލިފައިން މެޗުތަކުގައި ރާއްޖެ ވާދަކުރަން ޖެހޭނީ ކޮލިފައިން ގްރޫޕް ބީގައެވެ. އަންނަ ސެޕްޓެމްބަރު މަހު އެ ކޮލިފައިން ގްރޫޕްގެ މެޗުތައް ކުޅޭނީ ތަޖިކިސްތާނުގަ އެވެ. އެ ގްރޫޕްގައި ރާއްޖެ އާއި ތަޖިކިސްތާނުގެ އިތުރުން ދެން އޮތީ ވިއެޓްނާމް އާއި އަފްގާނިސްތާންއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟