ސަލަފް ޖަމިއްޔާ

ހަރުކަށި ފިކުރުގެ މައްސަލަ ހައްލުކުރަން ގިނަ ފްލޭންތަކެއް ހަދަން ޖެހޭ: ސަލަފުގެ ރައީސް

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށްޓަކައި ހުރިހާ މުއައްސަސާތައް ގުޅިގެން ވަރަށް ގިނަ ޕްލޭންތަކެއް އެކުލަވާލަން ޖެހޭ ކަމަށް ޖަމިއްޔަތުއް ސަލަފުގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

"ވަން"އާ ވާހަކަ ދައްކަވަމުން ޝެއިހް އަބްދުﷲ ވިދާޅުވީ ހަރުކަށި ފިކުރުގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލަންވީ ދުރުރާސްތާ ޕްލޭންތަކެއް ކަމަށެވެ.

ހަރުކަށި ފިކުރުގެ މައްސަލަ ހައްލުކުރަން ކުރަން ޖެހޭ ކަންތައްތައް ގިނަކަން ފާހަގަކުރައްވައި ޝެއިހް އަބްދުﷲ ވިދާޅުވީ ތައުލީމީ ދާއިރާގައި މިހާރު އެކަށައަޅާފައިވާ މުގައްރަރު ކިޔަވައިދިނުމަށް ބޭނުންވާ ތައުލީމީ ބޭފުޅުން ތަމްރީނު ކުރުމަކީ ވެސް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އެގޮތުން ދިވެހި، އިސްލާމް މާއްދާ ފިޔަވައި ދެން ހުރި މާއްދާތައް ކިޔަވައިދޭ ޓީޗަރުންނަކީ އިސްލާމްދީން ގަބޫލުކުރާ ރާއްޖޭގެ މާހައުލާއި ސަގާފަތާއި ރާއްޖޭގެ އިސްލާމީ ވެށި ގަބޫލު ކޮށް ދަންނަ ބަޔަކަށް ހަދަންޖެހޭ ކަމަށް ޝެއިހް ވިދާޅުވިއެވެ.

"އެއްމާއްދާ އަނެއްމާއްދާއާ ފުށުއަރަނީ. އަސްލު ދަރިވަރުންގެ ކޮންފިއުޝަންތަކެއް މި އުފެދެނީ. އިސްލާމް މާއްދާގައި ކިޔަވައިދޭ އެއްޗަކާއި އެހެނިހެން މާއްދާތަކުގައި ކިޔަވައިދޭ އެއްޗަކާ ފުށުއެރުންތަކެއް މި އަންނަނީ،" ޝެއިހް ވިދާޅުވިއެވެ.

ތައުލީމީ ދާއިރާ އާއި އެނޫން ދާއިރާތަކުގައި ދީނީ ގޮތުން އެކަމަށް އަހުލުވެރިވެގެންވާ ދީނީ އިލްމުވެރިން އެކަމުގައި ފުޅާދާއިރާއެއްގައި މަސައްކަތް ކުރުމަށް ސަރުކާރުން ފުރުސަތު ނުދިނުމަކީ ހަރުކަށި ފިކުރުގެ މައްސަލަ ހައްލުކުރުމަށް އޮތް ގޮންޖެހުމެއް ކަމަށް ޝެއިހް ފާހަގަކުރެއްވިއެވެ.

ސަލަފްގެ ރައީސް ވިދާޅުވީ ހަރުކަށި ފިކުރަކީ ކޮންމެ ޒަމާނެއްގައިވެސް ކޮންމެވެސް މިންވަރަކަށް އެކި ގައުމުތަކުގައި އުފެދޭ ފިކުރެއް ކަމަށާއި އެކި ގައުމުތަކުގައި އެ ފިކުރު އުފެދޭ ސަބަބުތައް ވެސް ތަފާތު ކަމަށެވެ. އެހެންކަމުން ރާއްޖޭގައި އެ ފިކުރު އުފެދެން މެދުވެރިވާ ސަބަބުތައް ނައްތާލަން ޖެހޭ ކަމަށް ޝެއިހް ވިދާޅުވިއެވެ.

ޝެއިހް ވިދާޅުވީ އިސްލާމްދީން ހިމާޔަތްކުރުމަށް ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތައް ތަންފީޒު ކުރެވެމުން ނުދާ ކަމަށެވެ. އިސްލާމްދީނަށް ފުރައްސާރަ ކޮށްގެން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައް ބަލައި ފިޔަވަޅު އަޅާފައި ނުވުމަކީ އެކަމުގެ ހެއްކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ދީނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފުރުސަތު ދެވިފައި، އެކަންތައްތަކާ ގުޅޭ ގޮތުން އަޅުގަނޑުމެން ހުށަހަޅާ މައްސަލަތައް ހުއްޓިފައި، އެއްވެސް ބަލައިލުމެއް ނެތި، ގާނޫނީ ގޮތުން މިއަދުގެ ގާނޫނުތައް ވެސް އެކަމަށް ތަންދޭ ގާނޫނުތައް ވެސް ތަންފީޒު ނުކޮށް އެވަނީ. އެހެންވީމަ އަސްލު އެންމެ ބޮޑު މައްސަލައަކީ ސަރުކާރުގެ އިސް ފަރާތްތަކުން އިސްލާމްދީނާ ދޭތެރޭ ގެންގުޅޭ ތަސައްވަރު ނުބައިވުމުގެ ސަބަބުން އެއަށް އިހާނެތިވުމުގެ ސަބަބުން ހަރުކަށި ފިކުރު ބޮޑުވެގެން މިދަނީ،" ޝެއިހް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގެ ތަހުގީގުން ރާއްޖޭގައި ހަރުކަށި ފިކުރުގެ ނުރައްކާ އޮތް މިންވަރު ވަރަށް ބޮޑުކަން ވަނީ އެނގެން ގޮސްފައެވެ.

އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަން ފާހަގަކުރައްވައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ.

އެ މައްސަލަ ހައްލުކުރުމަށް އިތުރު ގާނޫނުތަކެއް ބޭނުން ނުވާ ކަމަށާއި ކުރަން ޖެހޭ ކަމަކީ މިހާރު ހެދިފައި ހުރި ގާނޫނުތައް ތަންފީޒު ކުރުން ކަމަށް ދީނީ އިލްމުވެރިން އަންނަނީ ވިދާޅުވަމުންނެވެ.