އީމާންކަމުގެ އަސާސްގެ މައްޗަށް ދަރިވަރުން ތަރުބިއްޔަތުވެގެން މެނުވީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ އަޅުގަނޑުމެންގެ ދަރިންގެ ސިކުނޑިތައް ހުޅުވައިދިނުމަށްޓަކައި ތަފާތު އެކި ހަރަކާތްތައް ސްކޫލާއި ސްކޫލުން ބޭރުގައި ބޭއްވޭ ކަމަށެވެ. އަދި އެ އެންމެހައި ކަންތައްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ނުކުރެވޭ އެއްކަމެއް އެބައޮތް ކަމަށާއި އެއީ އެކުދިންނަށް އިސްލާމީ އަގީދާއާ ގުޅޭ މައުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށް ހުތުބާގައި ބުންޏެވެ.
"އަޅުގަނޑުމެންގެ ދަރިންގެ ސިކުނޑިތައް ހުޅުވައިދިނުމަށްޓަކައި ތަފާތު އެކި ހަރަކާތްތައް ސްކޫލާއި ސްކޫލުން ބޭރުގައި ބޭއްވެއެވެ. މި އެ އެންމެހައި ކަންތައްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ނުކުރެވޭ އެއްކަމެއް އެބައޮތެވެ. އެއީ އެކުދިންނަށް އިސްލާމީ އަގީދާއާ ގުޅޭ މައުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނުމެވެ. އެހެނީ އަގީދާއަކީ އީމާންކަމުގެ އަސާސެވެ. އެ އަސާސުގެ މައްޗަށް ދަރިވަރުން ތަރުބިއްޔަތުވެގެން މެނުވީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ އިސްލާމީ އަގީދާ ދެނެގަތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެއް ކަމަށާއި އިސްލާމްދީން ބިނާވެގެންވަނީ އަގީދާއާއި އަމަލުގެ މައްޗަށް ކަމަށެވެ. އަދި އަގީދާ ސައްހަ ނުވެ، އެއްވެސް އަމަލެއް ސައްހަ ނުވާނެ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
"ހަމަ އެފަދައިން ސައްހަ އަގީދާއަކާ ނުލައި ކުރާ އެއްވެސް އަމަލަކުން މަންފާއެއް ނުކުރާނެއެވެ. މިހެންކަމުން ދަރިވަރުންނަށް ސައްހަ އަގީދާގެ މައުލޫމާތު އުނގަންނައި ދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ޣައިރު މުސްލިމަކު ކިތަންމެ ހެޔޮ ކަންތަކެއް ކުރި ކަމުގައިވީ ނަމަވެސް އޭނާގެ ހެޔޮ އަމަލުތަކުން ގިޔާމަތް ދުވަހު އެއްވެސް މަންފާއެއް ނުކުރާނެއެވެ. އަދި މުސްލުމެއްގެ ގޮތުގައި ހުރެގެން ގިނަ ހެޔޮ އަމަލުތަކެއް ކުރުމަށް ފަހު ﷲއަށް ޝަރީކުކޮށްފި ނަމަ އެމީހެއްގެ ހެޔޮ އަމަލުތައް ވެސް ބާތިލުވެގެންދާނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ ފުރިހަމައަށް އީމާން ނުވެވޭ ނަމަ ނުވަތަ ގަޟާ ގަދަރަށް (ހެޔޮ މިންވަރާއި ނުބައި މިންވަރަށް) އީމާން ނުވާ މީހުން އަބަދުވެސް ބަލާނީ އެމީހުންގެ އަމިއްލަ މަސްލަހަތަށް ކަމަށާއި އެގޮތަށް އަމަލުކުރުމަކީ އެހެން މީހުންނަށް ގެއްލުން ލިބޭ ކަމެއް ކަމުގައިވީ ނަމަވެސް އެއްވެސް ފަރުވާލެއް ނުބަހައްޓާނެ ކަމަށެވެ.