މުނިފޫހިފިލުވުން

ޝިލްޕާ ޝެޓީގެ ފިރިމީހާ އޮރިޔާން ފިލްމު ހެދުމުގެ ކުށުގައި ހައްޔަރުކޮށްފި، ބޮޑު ނެޓްވޯކެއް!

1

ބޮލީވުޑް ތަރި ޝިލްޕާ ޝެޓީގެ ފިރިމީހާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ރާޖް ކުންދްރާ އޮރިޔާން ފިލްމު ހެދުމުގެ ކުށުގައި ހައްޔަރުކޮށްފިއެވެ.

އޮރިޔާން ފިލްމު އުފެއްދުމާއި ބައެއް އެޕްތައް މެދުވެރިކޮށް ދެއްކުމުގެ ކުށުގައި މުމްބާއީގެ ކްރައިމް ބްރާންޗްގެ ފުލުހުން ރާޖް ކުންދްރާ ހިމެނޭހެން 11 މީހަކު ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭގައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނުގައި ރާޖް އަކީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ މޭސްތިރި ކަމަށާއި އޭނާއާ ދެކޮޅަށް މިކަމުގައި ހެކި ލިބިފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމުގައި ވަނީ ބުނެފައެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ މިކަމާ ގުޅުން ހުރި އެންމެފަހުގެ މައުލޫމާތުގައި ބުނެފައިވާ ގޮތުގައި މިމަސައްކަތުގައި ހަރަކާތްތެރިވެފައިވާ އިނގިރޭސި ވިލާތަށް ނިސްބަތްވާ ކުންފުނި ކެންރިން ޕްރޮޑަކްޝަން ހައުސްގެ ޗެއާމަން ޕްރަދީޕް ބަކްޝީ އަކީ ރާޖް އާ އާއިލީ ގުޅުން އޮންނަ މީހެކެވެ. އަދި ރާޖް އާއި ބަކްޝީ އަކީ ބިޒްނަސް ޕާޓަނަރުންނެވެ. އޮރިޔާން ފިލްމު އުފެއްދުމުގެ ވިޔަފާރިއާ ގުޅޭ ގޮތުން ދެމީހުންގެ ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ޗެޓްލޮގް ފެންނަ ސްކްރީން ޝޮޓުތަކެއް ވަނީ އިންޓަނެޓުގައި ލީކުވެފައެވެ.

ދެމީހުންގެ ދެމެދު ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު މިފަދަ ފިލްމުތައް އުފެއްދުމުގެ މަސައްކަތަށް ފަންޑުކުރުމާއި އޭގެން ބޮޑު ފައިދާއެއް ރާޖްއަށް ލިބެމުން އަންނަ ކަން ވަނީ އެނގިފައެވެ. މީގެ އިތުރުންވެސް ރާޖް ކުންދްރާ އަކީ ނުސީދާކޮށް ކެންރިން ޕްރޮޑަކްޝަން ހައުސްއަށް އިންވެސްޓުކުރާ އެ ކުންފުނީގެ ވެރިފަރާތް ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ރާޖް ކުންދްރާގެ ކުރީގެ ޕާސަނަލް އެސިސްޓަންޓް ކަމަށްވާ އުމޭޝް ކަމަތު ވަނީ އިންޑިއާގައި ހިންގަމުން އައި ކުންފުނީގެ ގޮތްޕާއި ހަވާލުވެ އޮރިޔާން ފިލްމު ހެދުމަށް އެޖެންޓުންނާއެކު އެއްބަސްވުންތައް ހަދައި ފަންޑުކޮށްދިނުމުގައި އެހީތެރިވެދެމުން އައިސްފައި ކަމަށާއި މިފަދަ ވީޑިއޯތައް އުފައްދައި، ހޮޓްޝޮޓް އެޕަށް އަޕްލޯޑު ކުރުމުގައި އުމޭޝް ގެ އިތުރުން މޮޑެލެއް ކަމުގައިވާ ގެހެނާ ވަސިސްތު އިސްކޮށް ހަރަކާތްތެރިވެ ކުންފުނީން މި ދެމީހުންނަށް އެޑްވާންސް ފައިސާ ދީފައިވާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

މިމައްސަލައިގައި އިއްޔެ ރަޔަން ތާޕު ކިޔާ މީހަކު ހައްޔަރުކޮށްފައިވާއިރު، ރާޖް އަދި ރަޔަން ތާޕު ވަނީ އިއްޔެގެ ވަގުތެއްގައި މުމްބާއީގެ ކޯޓަކަށް ހާޒިރުކޮށްފައެވެ. މި ދެމީހުން ކޯޓަށް ގެންދާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ އާއްމުވެފައެވެ.

މިމައްސަލައާ ގުޅޭ ގޮތުން ޝިލްޕާ ޝެޓީ އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ޝިލްޕާ ޝެޓީ ވަނީ އޭނާ ޖަޖުކަން ކުރަމުން އަންނަ ސުޕަޑަންސާ 4 ގެ ޝޫޓިންތަކުގައި ބައިވެރިވުމަށް އުޒުރުވެރި ވެފައެވެ.

ހާއްސަ މެހެމާނެއްގެ ގޮތުގައި ކަރިޝްމާ ކަޕޫރު ބައިވެރިވުމަށް ހަމަޖެހިފައިވާ އެ ޝޯގެ ޝޫޓިންތައް އިއްޔެ ނެގުމަށް ހަމަޖެހިފައިވަނިކޮށް، ޝިލްޕާ ވަނީ ޝޫޓިންގައި ބައިވެރިވެވެން ނެތް ކަމަށް ބުނެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟